19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ވާހަކަ

ލޯބިން - ލޯބިން

1 ވަނަ ބައި

އާމިރު ސަލީމް | 2 އަހަރު ކުރިން |


  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  5. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ




އުފަަލަކީ ވަކި މީހެއްގެ ހައްޤެއް ނޫނެވެ. ހިތާމައަކީ ވަކި މީހަކަށްޓަކައި ލިޔެވިފައިވާ އެއްޗެއްވެސް ނޫނެވެ. އެއީ އިންސާނީ ފިޠުރަތެވެ. އެއީ އެކަމަކާ ނުލައި އިންސާނީ ދިރިއުޅުން ފުރިހަމަނުވާ އެތައް ކަމެއްގެ ތެރެއިން ދެ ކަމެކެވެ. އެއީ ޙައިރާން ވާންޖެހޭ ކަމެއް ނޫނެވެ. ނުވަތަ މާޔޫސްވެ ކަރު އެލެންޖެހޭވަރުގެ ކަމެއްނޫނެވެ. އެއީ ތަޤްދީރެވެ. ވަށައިގެން ފެންނަނީ އެޙަޤީގަތެކެވެ. މާ ފޮޅޭތަން ދެކޭ މީހާ އެމާ މޯޅިވާތަން ފެނި އަޖައިބު ނުވަނީ ކީއްވެގެން ހެއްޔެވެ؟ އިރުގެ އަލިން ހުޅުދާންވެފައިވާ އެދަރެސް ބަނަވެ ކަޅު ވިލާތައް ބޯމަތިވެ މޫސުން ބަދަލުވެ އޮޔާވައި ބަދަލުވުމުން އެމަންޒަރު ފެންނަ މީހުން އާވެގެން ނޫޅެނީ ކީއްވެހެއްޔެވެ. އެއީ އިލާހީ ޤާނޫނެވެ. ދުނިޔޭގެ ހިނގުމެވެ. އެއްވަތް މަތިން އަނެއްވަތް ދަށުން ދިޔުމަކީ ދުނިޔޭގެ އާދައެވެ. އެކަން ޤަބޫލު ނުކުރެވެނީ ކީއްވެހެއްޔެވެ

 

އެހިތްފަސޭހަ ވަގުތާއި އެރީތި މަންޒަރާއި އެމާޙައުލު ކިތަންމެހާވެސް ގުޅެއެވެ. އެއީ ރާއްޖޭގެ ރީތިކަމަށް މަޝްހޫރު ހިތަދޫގެ ހިތްފަސޭހަ ހިސާބެކެވެ. ވަގުތަކީ ހަވީރުގެ ހިތްގައިމު ވަގުތެވެ. ލިންކްރޯޑްގެ އެއްފަރާތެއްގައި ޕާކް ކޮށްފައި އޮތް ކާރުގެ ކައިރީގައި ހުއްޓިލައިގެން ޒިޔާމް ހުއްޓެވެ. ޒިޔާމްގެ ދާދިގާތުގައި ޒައިނާ ހުއްޓިލައިގެން ހުއްޓެވެ. ޒައިނާ އަކީ އައްޑުއަށް އުފަން ކުއްޖެއް ކަމުން މިއީ އެނާއަށް އާމަންޒަރުތަކެއް ނޫނެވެ. އެކަމަކު ޒިޔާމްއަށް އެއިން ކޮންމެ މަންޒަރެއް އަލެވެ. ތަފާތެވެ. ޒައިނާއާއި ކައިވެނިކޮށްގެން އައްޑޫގައި ދިރިއުޅެން ފެށިތާ ހައެއްކަ މަސް ވީއިރުވެސް އެމަންޒަރުތައް ޒިޔާމްއަކަށް ބަލެއް ނުވިއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އޭނާ އަދި ދުވަހަކުވެސް މި ނޫނީ ރާއްޖެތެރޭގެ މާޙައުލެއް ތަޖުރިބާ ކޮށްފައެއް ނުވެއެވެ. އެހެންކަމުން ޒިޔާމްއަށް ކުރެވެމުންދަނީ މުޅިން ތަފާތު އިޙްސާސްތަކެކެވެ. އެ މާހައުލުން އޭނާއަށް ފެންނަ ކޮންމެ މަންޒަރެއް ކޮންމެ އެއްޗެއް ޒިޔާމްއަށްޓަކައި ހަދިޔާއެއް ފަދައެވެ. ފަރުވާއެއް ފަދައެވެ. އެއަށްވުރެ ބޮޑު ހަދިޔާއެއްކަމުގައި ޒިޔާމް ދެކެނީ ޒައިނާއެވެ. ޒިޔާމްދެކެ ޒައިނާ ވާ ލޯތްބެވެ. އަޅާލުމާއި އޯގާތެރި ކަމެވެ. އަންބެއްގެ ފަރާތުން ފިރިއަކަށް ލިބޭނެ ހުރިހާ އުފަލެއް ޒައިނާ ޒިޔާމްއަށް ހޯދައިދެއެވެ. ކޮންމެ އުފަލެއް ޙިއްސާކުރެއެވެ. ކޮންމެ ހިތާމައެއްގައި ބައިވެރިވެއެވެ. ޒިޔާމްއަށް ހިތްވަރު ދެއެވެ. ދިރިއުޅުމުގައި ދިމާވާ ކޮންމެ ދަތިކަމަކާ އުނދަގުލަކުން ސަލާމަތްވާނެ އެހީތެރިކަން ފިރިމީހާއަށް ފޯރުކޮށްދެއެވެ.

ޒިޔާމްއަށް ޒައިނާ އެންމެ ފުރަތަމަ ފެނުނީވެސް ހަމަ މިތަނުންނެވެ. އެކަމަކު އޭރު ޒިޔާމްއަކީ މިރަށަށް ބީރައްޓެއްސެކެވެ. އާމީހެކެވެ. ޒިޔާމް އައްޑުއަށް އައިސް އުޅުނީ ލިއުޝާގެ ދެމަފިރިންނާއި އެކުގައެވެ. އެއީ ޒިޔާމް އުޅުން އޮފީހުގައި އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. އޭރު ޒިޔާމްއަކީ ބަލި މީހެކެވެ. ދިރިއުޅުމުގައި ދިމާވި ކަންތައްގަނޑެއްގެ ސަބަބުން ޒިޔާމް އޭރު ހުރީ ދިރިއުޅުމުގެ މަތިން ފޫހި ވެފައެވެ. އެއްވެސް އަންހެން ކުއްޖަކަށް އެހިތަކު އޭރު ޖާގައެއް ނެތެވެ. މަގާމެއްވެސް ނެތެވެ. ލޯތްބަކީ އޭރު އޭނާ އެންމެ ނަފުރަތު ކުރާކަމެވެ. ހަގީގަތުގައި ލިއުޝާމެން ޒިޔާމް މިރަށަށް ގެނައީވެސް އެހެންވެގެންނެވެ.

"ޒިޔާމް! ކިހިނެއްވީ؟ ކޮންކަމަކަށް ގެއްލިފަ؟" ޙިޔާލުތަކުގެތެރެއިން ޒިޔާމް ހޭލައްވާލީ ޒައިނާގެ އަޑެވެ.

" މާ ލަސްވެއްޖެއެއްނު؟ ހިނގާދާން!" ޒިޔާމް އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއެވެ.

" ކިހާރީތި! އެންމެފަހުން ލަސްވިކަން އެނގުނީ ޒިޔާމަށްނު؟ ތިޔެއް އެނގުނީހީ އަހަރެން އަޅާނުލިނަމަ "

ޒައިނާ ޒިޔާމްގެ ބޮލުގެ އިސްތަށިގަނޑާއި ކުޅެލިއެވެ.

" ހޫނ! އެންމެ ރަނގަޅު. ލަސްވިކަން އެނގުނީ ޒައިނާއަށް. އޯކޭ! ހެޕީ!

ޒިޔާމް ޒައިނާގެ ދަތްދޮޅިކޮޅުގައި ހިފައި ތަޅުވާލުމަށްފަހު ކާރަށްއަރައި ކާރު ދުއްވާލައިފިއެވެ. ކާރު ދުއްވާލީ ވަރަށް ބާރަށެވެ. އެކަމަކު އެސްޕީޑްގައި ދެވުނީ ކުޑަ ތަންކޮޅަކަށެވެ. ކުއްލިއަކަށް ކާުރު ހުއްޓާލަންޖެހުނީ މަގުމެދުގައި އިންމީހަކު ފެނުމުންނެވެ. އެއީ އަންހެން ކުއްޖެކެވެ. އެކުއްޖާ އިނީ މަގު މެދުގައި އިށީންދެލައިގެންނެވެ. ޒިޔާމްމެން އޮތީ އެކުއްޖާގެ ފުރަގަހުގައެވެ. ކުއްލިއަކަށް ވަރަށް ބާރަށް  ބުރަކި ޖައްސާލުމަށްފަހު ހަމަ އެހާ ބާރަށް ކާރުގެ ބަރުގޮން އަޅަން ފަށައިފިއެވެ. އެ އަޑަށް ސިއްސައިގެން ގޮސްފައި އެއަންހެން ކުއްޖާ ކޮޅަށް ތެދުވެއްޖެ އެވެ.

"ދިރިއުޅުންމަތިން ފޫހިވީތަ އައިސް މަގުމަތީ އިށީންދެ ތީނީ! ދެންމެ ޖެހުނު ނަމަޔޯ؟ "

ކާރުގެ ދޮރު ކުޑަކޮށް ހުޅުވާލުމަށްފަހު ޒިޔާމް ވާހަކަ ދެއްކިއެވެ. އޭރުވެސް އެކުއްޖަކު ހުރީ ހަމަ އެތަނުގައެވެ. އެހުރިގޮތަށެވެ. އެކަމަކު ޒިޔާމްގެ އަޑު އިވުމާއެކު އޭނާ ފަހަތަށް އެނބުރިލައިފިއެވެ. އެއަންހެން ކުއްޖާގެ މޫނު ފެނުމާއެކު ކާރުތެރޭގި އިން ޒިޔާމްގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެއްޖެއެވެ. ކުރިމަތިން ފެންނަމުންދާ ކަމެއް ޤަބޫލު ނުކުރެވިގެން އުޅޭ ކަހަލަ ގޮތަކަށް ކަޅިޖަހާނުލާ އެކުއްޖާގެ މޫނަށް ބަލަން ފަށައިފިއެވެ.

އެއަންހެން ކުއްޖާގެ ޒުވާން މޫނު ވަނީ މިލާ މޯޅިވެފައެވެ. އިސްތަށިގަނޑު ހުރީ އެއްވެސް ތަރުތީބެއްބެތި ހޭވި ހަޑިވެފައެވެ. ލައިގެންހުރީ ހަމަ އެހާމެ ބާވެފައިވާ ހެދުންގަނޑެކެވެ. ރޮއި ރޮއި ދެލޯ ހުރީ ދުޅަވެފައެވެ. ދެލޯ ވަޅުވަދެ ލޯކައިރި ހުރީ ކަޅުވެފައެވެ. ފެންނަ ފެނުމަށް ހީވަނީ ވަރަށް ބޮޑަށް ބަލިވެފައި ހުރުމުގެ ސަބަބުން ނުވަތަ ވަރަށް ބޮޑު ހިތާމައެއްގައި އުޅުމުގެ ސަބަބުން އެރީތި ހަށިގަނޑު ހިކި އަނަރޫފަ ވެފައި ހުރިހެންނެވެ.

ޒިޔާމްގެ މޫނުމަތިން އިތުރު ހައިރާން ކަމެއް ފެނިގެންދިޔައީ ކާރުގެ ބަރުގޮން ދެފަހަރަށް އަޅައިލުމުން މަގުން އެއްފަރާތް ވުމަށްޓަކައި އެއަންހެންކުއްޖާ ގެނައި ޙަރަކާތެވެ. ލޮލުގެ ފެނުން ގެއްލިފައިވާ މީހަކު ފަދައިން އޭނާގެ ދެއަތް ވައިގެ ތެރޭގައި ޙަރަކާތް ކުރަންފެށިއެވެ. ތަނެއްގައި އަތްޖެހޭތޯ ވެސް ކަންނޭނގެއެވެ. ބޭއިޙްތިޔާރުގައި ޒިޔާމްއަށް ލޮލުގައި އޮތް އަވި އައިނުވެސް ނެގިއްޖެއެވެ.

ބިރުން ގޮސް ނުވަތަ ދެރަވެގެން ގޮސް މަގުމަތީގައި ހުރި އަންހެން ކުއްޖާ ރޯންފަށައިފިއެވެ. އެރުއިމުގައި ވަނީ އެހީއަކަށް އެދި ކުރެވޭ އާދޭހެވެ.

"އޭނާގެ ލޮލަކަށް ނުފެނޭ ކަންނޭނގެ! "

އެއަންހެންކުއްޖާއާ ދިމާލުން ނަޒަރު ވަކިކޮށްލުމަށްފަހު ޒިޔާމްގެ މޫނަށް ޒައިނާ ބަލައިލިއެވެ.

"ޒިޔާމް ކިހިނެއް ވެފަތަ ތިއިނީ" ޒައިނާ ޒިޔާމްގެ އަތުގައި ހިފާ ތަޅުވާލިއެވެ.

"ގޮސް އޭނާ ގޮވައިގެން އާދެބަލަ!" ޒިޔާމް ޖަވާބުދިނީ ޒައިނާ ދެއްކި ވާހަކައަކަށް ނޫނެވެ.

"ގޮވައިގެންނޭ! ކޮންތާކަށް ގެންދަން؟ "

"އޭނާ ބުނިތާކަށް! އޭނާގެ ގެއަށް ނުވަތަ ބަޔަކަށް އުނދަގޫނުވާ ހިސާބަށް ދުރަށް! "

 ޒައިނާ ބުނި އެެއްޗެއް ހަމަ ބުނެ ނިމުމާއެކު ޒިޔާމް ވާހަކަ ދެއްކިއެވެ. އެފަހަރު ޒިޔާމުގެ އަޑުގައި ހިސާބަކަށް ހިތްހަމަ ނުޖެހުމުގެ އަސަރު އެކުލެވިފައި ހުއްޓެވެ. ހީވަނީ ޒައިނާ ބުނި އެއްޗަކުން ޒިޔާމް ހިތްހަމަ ނުޖެހުނީ ހެންނެވެ.

ޒިޔާމް ހިތްހަމަނުޖެހުނުކަން އެނގުމުން ޒައިނާވެސް އިތުރު ސުވާލެއް ކުރުމަކާ ނުލައި ކާރުގެ ދޮރު ހުޅުވާލުމަށްފަހު ކާރުން ފައިބައިފިއެވެ. ދެން މަޑުމަޑުން ހިނގާފައިގޮސް އެއަންހެންކުއްޖާގެ ކައިރިއަށް ހުއްޓިއްޖެއެވެ.

"ކެހެނަކަށް ވެފައި ތެހެށީ" ޒައިނާ މަޑުމަޑުން ސުވާލުކޮށްލިއެވެ. ޒައިނާ ވާހަކަ ދެއްކީ ރަށުބަހުންނެވެ. މިރަށު ކުއްޖެއްކަމަށް ހީކޮށެވެ.

"މީ ކޮންތަނެއް؟ "

 ޒައިނާގެ އަޑު އިވުމާއެކު އެކުއްޖާ ވާހަކަ ދެއްކިއެވެ. ޒައިނާގެ ސުވާލަކަށް ޖަވާބެއް ދިނުމުގެ ބަދަލުގައި ރޮމުންރޮމުން އެއަންހެންކުއްޖާވެސް ކުރީ ސުވާލެކެވެ. ޒައިނާ ވާހަކަ ދެއްކި ބަހުރުވަ އެކުއްޖާއަށް ނޭގުނީ ކަންނޭނގެއެވެ. ނުވަތަ ވެގެން އުޅޭ ގޮތެއް ބޭނުންނުވަނީ ވެސް ކަންނޭނގެ އެވެ.

އެއަންހެންކުއްޖާ ވާހަކަ ދެއްކި ބަހުރުވައިން އެއީ ރަށުކުއްޖެއްތޯ ނުވަތަ ނޫންތޯ ދެނެގަންނާކަށް ޒައިނާއަކަށް ނޭނގުނެވެ. އެކަމަކު އެކުއްޖާ ކުރި ސުވާލުން އޭނާއަށް ލޮލަށް ނުފެންނަކަން ދެނެގަންނަން ޒައިނާއަށް އެނގިއްޖެއެވެ.

"މިރަށި ކޫދަކީ؟" ދެފަރާތުންވެސް ކުރެވެމުންދިޔައީ ސުވާލުތަކެކެވެ. ޒައިނާ އަނެއްކާވެސް އަހައިލިއެވެ.

"މީ ކޮންތަނެއް؟ " 

ރޮމުން ރޮމުންގޮސް އެއަންހެންކުއްޖާއަށް ގިސްލެވެންވެސް ފަށައިފިއެވެ. އެހެންކަމުން އޭނާގެ ސުވާލު ތަކުރާރު ކުރެވުނީވެސް އުނދަގުލުންނެވެ.

"އެއްޖެތި ދުއްވާ މަގެއްގެ މެދުގައި ތިހުރެވުނީ. ކިހިނެއް މިތަނަށް އާދެވުނީ؟ "

މަގުމަތީގައި ހުރި އަންހެންކުއްޖާގެ އަތުގައި ހިފައިގެން ކާރާދިމާލަށް ހިނގައިގެންފިއެވެ. މަޑުމަޑުން ހިނގާފައި ގޮސް ކާރުގެ ފަހަތު ދޮރު ހުޅުވާލުމަށްފަހު އެއަންހެންކުއްޖާ ކާރަށް އަރުވައިފިއެވެ. ދެން ދޮރު ލައްޕާލުމަށްފަހު ޒައިނާ ގޮސް ކުރީ ސީޓަށް އަރާ ދޮރު ލައްޕާލައިފިއެވެ. އޭރުވެސް ގޮތް ނޭނގޭ އަންހެންކުއްޖާގެ ގިސްލުމުގެ އަޑު މަޑުމަޑުން ކާރުތެރެެއިން އިވެމުންދިޔައެވެ.

ޒައިނާ ކާރުގެ ދޮރު ލައްޕާލުމުން ޒިޔާމް ކާރު ދުއްވާލައިފިއެވެ. އޭރު ކާރުގެ ކުރީ ކޮޅުގައި ހުރި ކުޑަ ލޯގަނޑުން ފަހަތު ސީޓުގައި އިން އަންހެންކުއްޖާގެ މޫނު ފެންނަން ހުއްޓެވެ.

"ކޮން ގެއެއްގެ ކުއްޖެއް؟ ކޮންތާކަށް ގެންގޮސްދޭންވީ؟ "

ކާރު ދުއްވާލުމުން ވާހަކަ ދެއްކީ ޒައިނާއެވެ.

"އަދި މިއުޅެނީ ނަންވެސް އަހާ ނުލެވިގެން. ކޮން ނަމެއްތަ ކިޔަނީ؟ "

 ޒައިނާ ދާންވީ ތަން އެހުމުން އެއަންހެންކުއްޖާ ގޭގެނަން ބުނެދީފިއެވެ. އެހެންކަމުން އިތުރަށް އޮޅުންފިލުވުމުގެ ގޮތުން ޒައިނާ ސުވާލުކޮށްލިއެވެ.

" ނިހާ! "

އެއަޑު އިވުނީ ވަރަށް މަޑުމަޑުންނެވެ. އެއަޑާއިއެކު ދުއްވަމުން ދިޔަ ކާރު ކުއްލިއަކަށް ހުއްޓިއްޖެއެވެ. ކުއްލިއަކަށް ވަރަށް ބާރަށް ބުރަކި ޖައްސާލުމުން ހުއްޓޭކަހަލަ ގޮތަކަށެވެ.

" ޒި......."

ކޮންމެވެސް އެއްޖެކޭބުނަން ޒައިނާ އަނގަ ހުޅުވާލުމާއެކު ޒިޔާމް އަވަސް އަވަހަށް ޒައިނާގެ އަނގަމަތީގައި އަތްއަޅާ ޒައިނާ ބުނަން އެޅުނު އެއްޗެއް ބުނިޔަ ނުދީ ހުއްޓުވާލައިފިއެވެ. ދެން އަތުގެ އިޝާރާތުން އެހަށް ޒިޔާމްއާއި ވާހަކަ ނުދެއްކުމަށް ޒައިނާ ގާތު ޒިޔާމް އެދެފިއެވެ.

" ކިހިނެއްވީ ކާރު ހުއްޓުނީ؟ "

ފަހަތު ސީޓުގައި އިން އަންހެންކުއްޖާ ސުވާލު ކޮށްލިއެވެ.

" އެއީ! ނޭނގިގެން ކުއްލިއަކަށް ބުރަކި ޖައްސާލެވުނީ "

ކުޑަކޮށް ވިސްނާލުމަށް ފަހު ޒައިނާ ޖަވާބު ދިނެވެ. ހަޤީގަތުގައި ކަންތައް ވީވެސް އެހެންނެވެ. ޒިޔާމް އަނެއްކާވެސް ކާރު ދުއްވާލައިފިއެވެ. ޒިޔާމުގެ މިޙަރަކާތުގެ ސަބަބުން ޒައިނާ އިނީ ހިސާބަކަށް ޙައިރާންވެފައެވެ. ސުވާލުން ފުރިގެންވާ ނަޒަރަކުން ޒައިނާ ޒިޔާމްގެ މޫނަށް ބަލައިލިއެވެ. ޒިޔާމް އެކަމާ ފަރުވާލެއް ނުބަހައްޓައެވެ.

"ކޮން ނަމެއްތަ ކިޔަނީ؟ " ނިހާ ސުވާލު ކޮށްލިއެވެ.

"ޒައިނާ" ޒައިނާ އޮޅުން ފިލުވައި ދިނެވެ.

" އައްޑޫ ކުއްޖެއްތަ؟ " ނިހާ ބޭނުންވީ އިތުރަށް އޮޅުން ފިލުވާށެވެ.

" ހޫނ! "

"ޒައިނާތަ ކާރުދުއްވަނީ؟ "

ލޯ ކައިރީގައި ހުރި ކަރުނަތައް ފުހެލަމުން ނިހާ ސުވާލުކޮށްލިއެވެ. ޒިޔާމް ކުއްލިއަކަށް ލޯގަނޑުން ފެންނަން ހުރި ނިހާގެ މޫނަށް ބަލާލައިފިއެވެ.

"ކިހިނެއްވީ؟ " ޖަވާބު ދިނުމުގެ ބަދަލުގައި ޒައިނާވެސް ކޮށްލީ ސުވާލެކެވެ.

"ކަމެއް ނުވޭ. ހަމަ އަހާލީ!"

ސީޓުގައި ރަނގަޅަށް ހަމަޖެހިލުމަށްފަހު ސީޓުގެ މަތީ ކައިރީގައި ނިހާ ބޯއަޅާލިއެވެ.

ކާރުތެރެއަށް ހިސާބެއްގެ ހަމަހިމޭން ކަމެއް ވެރިވެގެން ހިނގައްޖެއެވެ. ޒައިނާވެސް ހަމަ އެކައްޗެކޭވެސް ބުނެނުލާ ސީޓުގައި ލެނގިލައިގެން އިނެވެ. ހީވަނީ ކަމަކާ ވިސްނަނީ ހެންނެވެ. އޭރު މަޑުމަޑުންގޮސް އިރު އޮއްސިއްޖެއެވެ. އެކަމަކު އެކަން އެނގެނީ ބައެއް މީހުންނަށެވެ. ބައެއް މީހުންނަށް އިރު އެރުމަކުން އިރު އޮއްސުމަކުން ވަކި ތަފާތެއް ނުވެއެވެ. އެފަދަ މީހުންނަށް ޙަޔާތުގެ ހަމަ ކޮންމެ ހިނދުކޮޅަކީ ވެސް ހަމަ ރޭގަނޑެވެ. އަނދިރިކަން ނޫން އެހެންކަމެއް އެމީހުން ނުދެކެއެވެ.

އެތައްއިރަކު ދުއްވިފަހުން ނިހާ ބުނި ގެއާ ހަމައަށް އެމީހުންނަށް އާދެވިއްޖެއެވެ. އެގެ ބަލާލުމުންވެސް އެއީ ހަމަ ފުދޭވަރެއްގެ ތަނަވަސް ބައެއްކަން އެނގޭހާވެއެވެ. ސުވާލު އުފެދުނީ އެގޭ މީހުންގެ މުއްސަނދިކަމާއި މެދަކުއެއް ނޫނެވެ. އެކަމަކު މިހާތަނަށްވެސް ޢާއިލާއެއްގެ ނުކުޅެދޭ އަންހެންކުއްޖަކު އެހާ ދުރު ހިސާބެއްގައި އެއްޖެހި ދުއްވާ މަގެއްގެ މެދުގައި އެހާ ނިކަމެތި ޙާލުގައި އެކަނިމާއެކަނި އިންނަން ޖެހުނު ސަބަބަކާއި މެދުގައެވެ.

" ނިހާގެ ގެއަށް އާދެވިފަ މިތިބީ!"

ޒައިނާ ކާރުން ފޭބުމަށްފަހު ނިހާ ގޮވައިގެން ގޮސް އެގޭ ދޮރުމައްޗަށް ހުއްޓި ސަލާމް ގޮވާލައިފިއެވެ. އެއަޑަށް އެގޭތެރެއިން ދެބައި ޢުމުރުގެ އަންހެނަކު ނިކުމެއްޖެއެވެ.

"އަނެއްކޯ ބައިނު. ކެހައި ވަރުގަދަ ކަމަށް"

އެމީހާއަށް ނިހާ ފެނުމުން ރުޅިއައިސްގެން ގޮސް މުޅިމީހާ ފުފިއްޖެއެވެ. ހީވަނީ ކުޅަނދުރެއް ހެންނެވެ. އަޑުގަ ނެއްތަނަށް ހަޅޭލަވައި ގެންފިއެވެ.

" ތޭ ނިހާގެ މަންމާއި؟ "

ޙައިރާން ކަމާއިއެކު ޒައިނާ ސުވާލުކޮށްލިއެވެ.

"ކޮން ނިހާއެއް އޭ؟ އެޔެ ހީކޮށްގެން އެހިނގަނީ އަފިރިންގެ ފުތާ އިޔެއި އިންނެހެއް ކަމަށް. އިޔެ ހިތައް އެރިހެއި ވައްތަރަކަށް ވޭނޑިފެއި ބަނޑަ ބޮނޑޮވީމެއި އެހިނގަނީ އަފިރިންގެ ފުތާގެ ބޮލެއެޑުވާން ވެގެން. ބަލަ އަފިރިންގެ ފުތާ ތަ މިރަށަށް ގިނާސްގެން އެހިނގަނީ ކޮންމެހެން ތަކާއި އިންނާކަށް ނޫން. މިގޭއި މިގޭ މީހުންނަކާއި ތަކާއި ގުޅުމައް ނިއޮންނާހެއް"

ރުޅިއައިސްގެން އެއްޗެހި ކިޔަމުން ކިޔަމުން އައިސް ނިހާގެ ގައިގާ އަތްއަޅާ ކޮއްޕާ ނިހާ ގެއިން ބޭރަށްވެސް ލައިފިއެވެ. އޭރުވެސް ނިހާ ރޮނީ އެވެ. އެހެން ނުހެދުމަށް އެދި އާދޭސް ކުރަނީ އެވެ.

އެކަމަކު އެއިން ހަމަ އެއްވެސް އަޑެއް އެއަންހެންމީހާއަށް އިވޭހެނެއް ހިއެއްނުވެއެވެ. ނުވަތަ އެހިލަ ހިތުގައި ރަޙުމުގެ ކުޑަ މިންވަރެއްވެސް ނުވަނީއެވެ. އޭރުވެސް ޒައިނާ ޙައިރާން ކަމާއިއެކު ބަލަހައްޓައިގެން ހުއްޓެވެ. އެމީހުން ދައްކާ ކޮންމެ ވާހަކައެއް، ކުރާ ކޮންމެ ކަމެއް ޒައިނާއަށް ހީވަނީ އަރަތެއް ހެނެވެ.

" މިކޯ އެ އަރީފް އެކެހެޔަސް ބެނަފިން މިއެއްތާ މާލެ ފެނޑުވަލާއްކެން. އެހެންނޫން ފެހެނަކާކި ގިނިގޮސް މިގެއް ނިގިޔޭ ހިސާބަކަށް އެއްލަލާއްކެން. "

ރުޅިއައިސްގެން ނިހާ ބޭރުކޮށްލުމަށްފަހު އެތެރެއަށް ވަދެ ނިހާގެ ހެދުންތަކާއި ދަބަސްވެސް ނެރެ ބޭރަށް އެއްލާލައިފިއެވެ. އޭރު އެއަންހެންމީހާ ކިޔަމުންދިޔަ އެއްޗެހިި އަޑުއަހާ ބަޔަކަށް ސިފަ ކުރެވޭނީ ގޭގައި ގެންގުޅޭ ބުޅާގަނޑެއްގެ ވާހަކައިގެ ގޮތުގައެވެ. އޭނާ ނިހާ އާއި މެދު ވާހަކަ ދައްކަމުން ދިޔައީވެސް އެހާވެސް ނިކަމެތިކޮށެވެ.

ނިހާގެ އެއްޗެހިތައް ބޭރަށް އުކާލުމަށްފަހު އެއަންހެންމީހާ އެތެރެއަށް ވަދެ ގޭގެ ދޮރު ވަރަަށް ބާރަށް ލައްޕާލައިފިއެވެ. އޭރު ނިހާ އިނީ އެއަންހެން މީހާ ކޮއްޕާލުމުންގޮސް ކާރުގެ ކައިރިއަށް ވެއްޓިފައެވެ. އޭރުވެސް ނިހާ އިނީ ރޯށެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މިއީ ނިހާއަށް ބީރައްޓެހި ރަށެކެވެ. ދަންނަ މީހަކު ނެތެވެ. ވަންނާނެ ތަނެއް ނެތެވެ. އެއަށްވުރެ ބޮޑީ ނިހާގެ ނުކުޅެދުންތެރިކަމެވެ. ލޮލަށް ނުފެނުމެވެ. ނިހާ ބަލިވެއިން ކަމެވެ. އަތުގައި ފައިސާ ނެއްކަމެވެ.

 (ނުނިމޭ)

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި | ރިވިއު ކުރީ: އާމިރު ސަލީމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް