21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ފަތިސް 04:44
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން

ކޮރަޕްޝަނަށް ފާޅުގައި ނޫނެކޭ ބުނަން ކެރޭ ނަމަ ނާޖައިޒް ގޮތުގައި ކަންތައް ކުރާކަށް ރައްޔިތުން ނޫޅޭނެ: ރައީސް

  • ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބައެއް ބިލްތައް މަޖިލީހުގައި
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 12 ފެބުރުވަރީ 2019 | އަންގާރަ 11:34 | |

ރައީސުލް ޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް -- އާކައިވް

ދައުލަތުގެ މުވައްސަސާތަކުގެ އިސް މަގާމުތަކުގައި ތިބި ބޭފުޅުންނަށް ކޮރަޕްޝަނާއި ވައްކަމާއި ފަސާދައަށް ފާޅުގައި ނޫނެކޭ ބުނުމުގެ ހިތްވަރު ހުރި ނަމަ ނާޖައިޒް ގޮތުގައި ސަރުކާރުގެ ތެރެއިން ކަންކަން ކުރާކަށް ހަމަ އެންމެ ރައްޔިތަކަށް ވެސް ނުކެރޭނެ ކަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

"ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ކެމްޕެއިން ފެށުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިޔާތުގައި ރައީސް ސޯލިހް ވިދާޅުވީ ދައުލަތުގެ މުވައްސަސާތަކުގެ ހިންގުން ހުންނަންވާނީ ދެ ފުށް ފެންނަ ގޮތަކަށް ކަމަށާއި އެތަން ތަނުން ހިދުމަތް ދޭންވާނީ ދުރާލާ އާންމު ކުރެވިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.  

ރައީސް ވަނީ ސަރުކާރުގެ ވުޒާރާތަކުގެ އިސްވެރިންނަށް ހާއްސަކޮށްގެން ގޫޑް ގަވަރނަސްގެ ޕްރޮގްރާމްތަކެއް ހިންގަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.

ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން ކެމްޕެއިނަކީ ދައުލަތުގެ އެއްވެސް މުވައްސަސާއެއްގައި އެއްވެސް ފަންތިއެއްގައި ކޮރަޕްޝަނާއި ވައްކަމާއި ފަސާދައިގެ ކިތަންމެ ކުޑަ މިންވަރެއް ވިއަސް ތަހައްމަލު ނުކުރާނެކަން ހާމަކޮށްދޭ ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަން ސާބިތުކޮށްދިނުމަށް ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ވަނީ ސިޔާސީ މަގާމުތަކުގައި ތިބި ބޭފުންގެ މާލީ ބަޔާންތައް ހާމަކޮށް ނަޒާހަތްތެރިކަމުގެ ބައެއް ކަންކަން ތަންފީޒުކުރަން ފަށާފައި ކަމަށްވެސް ރައީސް ފާހަގަ ކުރެއްވި އެވެ.  

"އަޅުގަނޑުމެން މި ފަށާ މަސައްކަތަކީ ހެޔޮވެރިކަމަކަށް މި ރާއްޖެ އަނބުރާ ގެނައުމަށް މީގެ އަހަރުތަކެއް ކުރިން ދައްކަމުންދިޔަ ވާހަކަތަކުގެ އަމަލީ ބައި. އެއީ ވައްކަމާއި ކޮރަޕްޝަނާއި ފަސާދައާއި ހިޔާނާތުން ދައުލަތުގެ މުވައްސަސާތައް ސަލާމަތްކުރުމުގެ މަސައްކަތް،" ރައީސް ވިދާޅުވި އެވެ.  

ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ ދައުލަތުގެ މާލިއްޔަތުން ގެއްލިފައިވާ ފައިސާ އާއި މަނީ ލޯންޑިންގެ މައްސަލަތައް ބަލައި، އެ ފައިސާ ހޯދުންކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ އެކަމަށްޓަކައި އުފެއްދެވި ރިޔާސީ ކޮމިޝަނުގެ މަސައްކަތްތައްވެސް ކުރެވެމުންދާ ކަމަށެވެ.

ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން ދެ ބިލެއް މަޖިލީހަށް މިހާރުވެސް ހުށައެޅި ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އެގޮތުން ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން ހޯދާ ލިބިގަތުމުގެ ކުށް ގާނޫނުލް އުގޫބާތަށް އިތުރުކުރުމުގެ ބިލް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިކަމަށް ރައީސް ވިދާޅުވި އެވެ. އެބިލް އެކުލަވާލާފައިވާނީ ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ މީހުން ކުށްކުރާ ހާލަތުގައި ލިބޭ އަދަބު ބޮޑުވާ ގޮތައްކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.  

"ކޮރަޕްޝަނުގެ މައްސަލަތައް ހާމަކުރާ މީހުނަށް ގާނޫނީ ހިމާޔަތްދިނުމަކީ ވެސް ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ވަރަށް މުހިންމު ކަމެއް. އެހެން ކަމުން ކޮރަޕްޝަނުގެ މައްސަތައް ހާމަކުރުމަށް ބާރުއަޅައި އެފަދަ މީހުން ހިމާޔަތް ކުރުމަށް އެކުލަވާލާފައިވާ ބިލް ވެސް މިހާރު އޮންނާނީ ފޮނުވާފައި،" ރައީސް ވިދާޅުވި އެވެ.  

ކޮރަޕްޝަނުގެ މައްސަލަތައް ހުށައެޅުމަށް ގާއިމުކުރި ވެބް ޕޯޓަލް މެދުވެރިކޮށް ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނާއި އާންމުން ވެސް ކޮރަޕްޝަނުގެ މައުލޫމާތެއް ލިބިއްޖެ ނަމަ އެ މައްސަލައެއް ހުށައެޅުއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.  

"އެ ބޭފުޅެއްގެ އޮފީހުގައި ނާޖައިޒް ގޮތުގައި ކަމެއް ކުރާ ކަމަށް ޝައްކެތްވިއަސް އެކަމެއް އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނައުމަށް އެދެން. އާންމު ރައްޔިތުންގެ ވެސް މި ޕޯޓަލް މެދުވެރިކޮށް ކޮރަޕްޝަނުގެ މައްސަލަތައް ހުށައެޅުމަށް އަޅުގަނޑު އިލްތިމާސްކުރަން. ރާއްޖެއިން ކޮރަޕްޝަނުގެ ވަބާ ފޮހެލައި ގައުމު އިސްލާހްކޮށް ނަޒާހަތްތެރި މުޖުތަމައުއެއް ބިނާ ކުރެވޭނީ ތިޔަ ބޭފުޅުންގެ ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން. ކޮންމެ ބޭފުޅެއް ވެސް ގަބޫލުކުރަންވީ ކޮރަޕްޝަން ނައްތާލުމުގެ މަސައްކަތް ފެށޭނީ އެ ބޭފުޅެއްގެ އަމިއްލަ ނަފްސާ ހަމައިންކަން،" ރައީސް ވިދާޅުވި އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް