21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

އަޒްކާ އާދިލް

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

  • ބާ ބީއާރް ކްރޯލްސް އަކީ މިހާތަނަށް ކުރެވުނު އެންމެ ތަފާތު ތަޖުރިބާ
  • ގޮންޖެހުމަކީ ކުރިއެރުމެއް ކަމަށް ދެކޭ ނަމަ ކުރިއަށް ދާން ފަސޭހަ ވާނެ
މިއުނާ ހަސަން | @miuna_hassan

| 12 ފެބުރުވަރީ 2019 | އަންގާރަ 03:32 | |

އަޒްކާ އާދިލް -- އާކައިވް

ހިތްވަރާއިއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއްވެސް ކާމިޔާބު ވާނެ ކަމަށް ޒުވާން ފެތުންތެރިޔާ އަޒްކާ އާދިލް ބުނެފިއެވެ. 

ނިމިގެންދިޔަ ބާ ބީއާރް ކްރޯލްސް ދިގު ފެތުން, ކާމިޔާބު ކަމާއެކު ނިންމި ބައިވެރިންގެ ތެރޭގައި ހިމެނޭ އަޒްކާ އާދިލް ރާއްޖެ ޓީވީ އަށް މައުލޫމާތު ދެމުން ބުނީ ބާ ބީއާރް ކްރޯލްސް އަކީ މިހާތަނަށް ކުރެވުނު އެންމެ ތަފާތު ތަޖުރިބާ ކަމަށެވެ. 

އުމުރުން 10 އަހަރުން ފެށިގެން އިސްކަންދަރު ސްކޫލްގެ ސްވިމް ޓީމުން ޖާގަ ހޯދަމުންދިޔަ އަޒްކާވަނީ ބައިނަލްއަގްވާމީ މުބާރާތެއްގައިވެސް ރާއްޖެ ތަމްސީލު ކޮށްފައެވެ. 

އޯޕަންވޯޓާ ސްވިމިންއަށް ހާއްސަ ޝައުގުވެރިކަމެއް ހުންނަ އަޒްކާ ވަނީ މީގެ ދުވަސް ކޮޅެއްކުރިން ކުރުނބާ މޯލްޑިވްސް ރިޒޯޓުން މާލެއަށް ފަތާފައެވެ.

ބާ ބީއާރް ގެ ތަޖުރިބާ ހިއްސާކުރަމުން އަޒްކާ ބުނީ، އެ އިވެންޓުން ވަރަށް ގިނަ ކަންތައްތައް ދަސްވެގެން ގޮއްފި ކަމަށެވެ. އޭނާއަށް ވުރެން ކުޅިވަރުގެ މައިދާނުގާ ތަޖުރިބާ ހުރި ތަފާތު އެތުލީޓުންނާއިއެކު ހޭދަ ކުރެވުނު އަށް ދުވަސްތެރޭ އެމީހުންގެ ލައިފްސްޓައިލް ހުންނަގޮތާއި، ފެތުމަށް ތައްޔާރު ވުމަށް ކުރަންޖެހޭ މުހިންމު ކަންތައްތަކެއް ދަސްވިކަމަށް ބުންޏެވެ.

ބާ ބީއާރް ކްރޯލްގެ ތެރެއިން 

ބުރަ މަސައްކަތުން ކާމިޔާބީ ހޯދުމަށް ކަޑަތުކުރަންޖެހޭ ހުރަސްތަކުގެ ވަކި މިންވަރެއް ނޯއްނާނެކަން ކޮންމެ އެތުލީޓެއް ވެސް ގަބޫލް ކުރަންޖެހޭ ކަމަށާއި، އެއިން ކޮންމެ ގޮންޖެހުމަކީ ކުރިއެރުމެއް ކަމަށް ވިސްނައިފިނަމަ ކުރިއަށް ދާން ފަސޭހަ ވާނެ ކަމަށް ވެސް އަަޒްކާ ބުންޏެވެ. މީގެ އިތުރުން ވެސް އަޒްކާ ބުނީ، ތަޖުރިބާކާރު އެތުލީޓުންނާއި އެކު ހޭދަކުރެވުނު ކޮންމެ ދުވަހަކީ ވެސް ސުވާލު ތަކުން ފުރިގެން ދިޔަ ދުވަސް ތަކެއް ކަމަށް އޭނާ ގަބޫލު ކުރާކަމަށެވެ.  

މިހާތަނަށް ކުރެވުނު އެންމެ ތަފާތު ތަޖުރިބާގެ ގޮތުގައި ބާ ބީއާރް ސިފަކުރަމުން އަޒްކާ ބުނީ، "އާ ޔޫ ކްރޭޒީ" ތޯ؟ އެ ސުވާލު ގިނަ ފަރާތްތަކުން އޭނާ އާއި ކުރިމަތި ކުރުވި ކަމަށެވެ. އޭގެ ޖަވާބު އަޒްކާ ދެމުން ދިޔައީ ކަނޑު ހުރަސްކޮށް 23 ރަށަށް ފަތައިގެންނެވެ. 

އޮޔާއި ދެކޮޅަށް، ގަދަ އަވީގައި މާކަނޑުގައި ހަތަރު ގަޑިއިރަށް ވުރެ ގިނައިރު ފަތަން ކެރޭނީ ހަމަ ގައިމުވެސް "ކްރޭޒީ" ވެގެންނެވެ. 

ކުޑައިރު ފަތާ ހިތުން ފަތަންފެށި އަޒްކާ އާދިލްއަކީ ހަމަ ޔަގީނުން ވެސް ގިނަ އެތުލީޓުންނަށް ނަމޫނާއެކެވެ. އޭގެ އެންމެބޮޑު ހެއްކަކީ ބާ ބީއާރްގެ އެންމެ ފަހު ފެތުމުގައި އަޒްކާގެ ކޮއްކޮ އައިޝާ ނޯޔާ ބައިވެރިވުމުންނެވެ. 

ދައްތަ ނަމޫނާއެއް ގޮތުގައި ދެކި ނޯޔާވެސް ފެތުމަށް ހުންނަ ޝައުގުވެރިކަން ހާމަވެގެން ގޮސްފިއެވެ.

ކަނޑު ހުރަސްކޮށް ބިރުކުޑަ ކަމާއި އެކު ރާއްޖޭގެ ގިނަ ރައްތަކަކަށް ފަތާ އެކަން ރާއްޖޭގެ ތާރީހުގައި ލިޔެވިގެންދިޔައިރު، އަޒްކާގެ ނަން ވެސް ލިޔެވިއްޖެއެވެ. ބިރު ކުޑަަ އަލީގެ ބަދަލުގައި ބިރުކުޑަ އަޒްކާ ކިޔަން ހައްގެވެ. 

އަޒްކާ އަކީ ނަމޫނާ އަކަށް ފުދޭ އެތުލީޓެކެވެ. މިހާރުގެ ކުޑަކުދިން، މާދަމާގެ ގައުމުގެ އިސްވެރިންނަށް ދަސްވާންވީ މިފަދަ ރީތި އާދަތަކެވެ. ހަލާކުގެ ތެރެއަށް ނުވެއްޓި ވަށައިގެންވާ ގުދުރަތީ ޕޫލްތަކުގެ ބޭނުން ހިފުމަށެވެ. 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް