16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ތިނަދޫ އިސްލާމީ މަރުކަޒު

ވަގުތީ ގޮތުން ހުޅުވި މިސްކިތަށް ކުރަންޖެހޭ ޚަރަދު އަދި ވެސް އެތައް މިލިއަނުގައި!

 • މަރުކަޒު ހުޅުވާފައި ވަނީ ސެޕްޓެމްބަރު މަހުގެ 11ގައި
 • އިމާރާތުގައި ބޮޑެތި މައްސަލަތަކެއް
 • މި އިމާރާތަށް 34.4 މިލިއަން ރުފިޔާ ހޭދަކުރި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 11 ފެބުރުވަރީ 2019 | ހޯމަ 13:24 | |

މަގުބޫލް

 1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
 2. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
 3. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
 4. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
 5. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
 6. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
 7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
 8. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި


ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތިނަދޫގައި އިމާރާތްކުރި އިސްލާމީ މަރުކަޒު -- އާކައިވް

މާލެ ފިޔަވައި ރާއްޖޭގެ ރަށެއްގައި ބިނާ ކުރި ފުރަތަމަ އިސްލާމީ މަރުކަޒުގެ އަމަލީ މަސައްކަތް ގދ. ތިނަދޫގައި ފަށާފައި ވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެރަށު ކައުންސިލުން 68،000 އަކަފޫޓުގެ ބިމެއް، އެމްއާރުޑީސީއާ ހަވާލުކޮށްފައި ވަނީ އެ އިމާރާތުގައި ލައިބްރަރީއަކާއި 500 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި 30 މީހުންގެ ޖާގައިގެ ހަތަރު ކްލާސް ރޫމާއި އޮފީހެއް ހެދުމަށެވެ. އެއީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ އެހީ އާއި، ދިވެހި ސަރުކާރުގެ ބަޖެޓާ އެކު ޖުމްލަ 34.4 މިލިއަން ރުފިޔާއަށް ޚަރަދުކޮށްގެން އެޅި އިމާރާތެކެވެ. 

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރިޔާސީ އިންތިހާބާ ދިމާކޮށް ވަގުތީ ގޮތުން ހުޅުވި އެ އިމާރާތް ބޭނުންކުރުން ނުރައްކަލަކަށްވެ، ރަށުގެ ރައްޔިތުންގެ ޝަކުވާ ކައުންސިލާއި، އިސްލާމިކް މިނިސްޓްރީއަށް ދިޔައީ ހުށަހަޅަމުންނެވެ.

ވާރޭ ވެހޭ ދުވަސްތަކުގައި މިސްކިތުގެ އެތެރެއަށް ފެން ފައިބާތީ ބާލިދީ ބަހައްޓަންޖެހޭ ކަމުގެ ޝަކުވާ ރަައްޔިތުން ދިޔައީ ކުރަމުންނެވެ. މިސްކިތުގެ ތެރޭގައި އަޅާފައި އޮތް ކާޕެޓްގެ ސަބަބުން ސަޖިދައިގައި އޮންނައިރު އޭގައި ހުރި ކުނޑި އަނގައަށާއި ނޭފަތަށް އެޅޭ ކަމުގެ ޝަކުވާއާއި، މިހެން ގޮސް އެތައް ޝަކުވާއެކެވެ. އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްގެން އިމާރާތްކުރި މިސްކިތުގައި އެހާ ބޮޑެތި މައްސަލަތައް ހުރުމަކީ ރައްޔިތުންނަށް ބަލައިގަނެވޭ ކަމަކަށް ނުވިއެވެ.

މަރުކަޒުގެ މަސައްކަތް އެންމެ ފުރަތަމަ ފަށައިގަތްއިރު ސަރުކާރުން ކައުންސިލާ ގުޅިގެން މަސައްކަތްކުރި ނަމަވެސް މިސްކިތް ހަދަމުން ދިޔައިރު ފާހަގަކުރެވުނު މައްސަލަތަކުގެ ވާހަކަ ދައްކައި އެތަނުގެ ފޮޓޯތައް ސޯޝަލް މީޑިއާއަށް ލީ ހިސާބުން ސައިޓަށް ވަނުމުގެ ފުރުސަތު ކައުންސިލަށް ބަންދުކުރިއެވެ. އެ ސަބަބާ ހުރެ މަސައްކަތް ފަހުން ކުރިއަށްގެންދިޔަ ގޮތެއް ކައުންސިލަށް ނޭނގޭ ކަމަށް ރަށު ކައުންސިލުން ބުންޏެވެ. 

"އިސްލާމީ މަރުކަޒު އެހެރީ މަސައްކަތް އެއްކޮށް ނުނިމެނީސް ހުޅުވާފައި. މިދިޔަ ހަފްތާގައި އިސްލާމިކް މިނިސްޓްރީގެ ބޭފުޅުން އެހެރީ ޗެކް ކުރުމުގެ ކަންތައްތައް. އޭގެ ކުރިން އަޅުގަނޑުމެން މިދިޔަ މަހުގެ ތެރޭގައި ޗެކް ކުރުމަށް ސިޓީ ލާފައި ވާނީ،" ތިނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އަސްއަދު ވިދާޅުވިއެވެ.

މަރުކަޒު ބިނާކޮށްފައި ވަނީ އެމްއާރުޑީސީއާ ހަވާލުކޮށްގެން ނަމަވެސް ތަނުގެ މަސައްކަތް ނުނިމި އުޅެނިކޮށް އެކުންފުނި ވަނީ އުވާލާފައެވެ. އެ އަށް ފަހު މަސައްކަތް ހަވާލުކޮށްފައި ވަނީ އެހެން ކުންފުންޏަކާއެވެ. ވާނުވާ ނޭނގި އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި މަސައްކަތް ރަނގަޅަށް ނުނިމެނީސް އެ މިސްކިތް ހުޅުވީ ނިމިދިޔަ ރިޔާސީ އިންތިޚާބަށް ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ހޯދުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ނުނިމި ހުރި ތަންތަން ހުޅުވި ގޮތަށެވެ. ތިނަދޫ އިސްލާމީ މަރުކަޒު ހުޅުވާފައި ވަނީ ސެޕްޓެމްބަރު މަހުގެ 11 ގައި އޭރުގެ ރައީސް ޔާމީނެވެ.

މަރުކަޒު ހަދާފައި ހުރި ގޮތުން އެތަން ބޭނުންކުރުމަށް ހުރި ނުރައްކާތެރިކަން ރައްޔިތުން އިސްލާމިކް މިނިސްޓްރީއާއި، ހައުސިން މިނިސްޓްރީ އަށް ވެސް ވަނީ ހުށަހަޅާފައެވެ. އެ ވުޒާރާތަކުގެ ބޭފުޅުންނާއި، އެތަނުގެ ކޮންޓްރެކްޓަރުންގެ ޓީމަކުން ވަނީ އެތަނުގައި ހުރި މައްސަލަތައް ބެލުމަށް ގޮސްފައެވެ.

މިސްކިތުގައި ވަގުތީ ގޮތުން ބޭނުންކުރާ ކަރަންޓް ކޭބަލް

ޓީމަށް ފާހަގަވެފައިވާ ބައެއް ކަންތައްތައް:

 • 1000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ގޮތަށް ހަދާފައި ހުރި މުޅި އިމާރާތުގައި ހުރީ އެންމެ ފާޚާނާއެކެވެ. މިސްކިތުގެ ފާރުތެރެއިން ފެން ލީކުވެ، އެތަނުގެ ކުޑަދޮރުތަކުގައި ޕެކިން މައްސަލަ ހުރުމުން ވާރޭ ވެހޭ ނަމަ ކުޑަދޮރުތަކުން ވެސް ފެން އެތެރެއަށް ވަނުމުގެ މައްސަލަ ފާހަގަވިއެވެ.
 • ލިފްޓެއް ބަހައްޓަން ހުރި ތަނުގައި ދެވަނަ ފަންގިފިލާގައި ދެ ފިލާގަޑު އަޅާފައި ތިރީ ފަންގިފިލާގައި ފިލާގަނޑެއް އަޅާފައެއް ނެތެވެ. އޭގެ ސަބަބުން އެތަނަށް އަރާ ފައިބާ މީހަކަށް ގެއްލުން ވެދާނެކަމުގެ ބިރު ބޮޑެވެ.
 • ސިޑިއާ ދިމާލުން ފެން ލީކުވާއިރު، އެދިމާ އަޑީގައި ކަރަންޓް މީޓަރުތަކެއް ވަނީ ބަހައްޓާފައެވެ. ސިޑި ބަހައްޓާފައި ހުރީ އަރާ އުޅެވެން ފަސޭހަ ގޮތަކަށް ނޫން ކަމާއި އަވި ގަދަ ދުވަހެއްގައި ސިޑި ހޫނުވެ އަރާ ފައިބަން އުނދަގޫވާ ކަމަށް ފާހަގަވިއެވެ. 
 • ވަގުތީ ގޮތުން ހުޅުވި މިސްކިތަށް ދީފައި އޮތީ ވަގުތީ ކަރަންޓެކެވެ. ކަރަންޓް ކޭބަލް އަޅާފައި އޮތީ ސިޑި ކައިރިން ޕެނަލް ބޯޑެއް ނުލައެވެ. އޭގެ ސަބަބުން ސިޑި މަތިން ފައިބާ ފެން ލީކުވެއްޖެ ނަމަ ނަމާދަށް ގޮސްތިބޭ މީހުންނަށް ކަރަންޓުގެ އަސަރު ކޮށްފާނެ ކަމުގެ ބިރު ވެސް އެބަ އޮތެވެ.
ސިޑި ކައިރީގައި ބަހައްޓާފައި ހުރި ކަރަންޓް ބޯޑު

މި މައްސަލަތަކާ އެކު އެ މަރުކަޒަށް ކުރަންޖެހޭ ޚަރަދު އެތައް ގުނައެއް ވަނީ އިތުރުވެފައެވެ.

އިސްލާމިކް މިނިސްޓްރީގެ ނާއިބު އަހުމަދުﷲ ޖަމީލު ވިދާޅުވީ މިހާރު ފެންނަން ހުރި ކަންތައްތަކަށް އެކަނި ބެލިކަމުގައި ވިޔަސް އެ އިމާރާތުގެ މަސައްކަތްތައް ފުރިހަމަކުރުމަށް ހަތަރު މިލިއަނާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ ޚަރަދެއް ހޭދަވާނެ ކަމަށެވެ.

"އަޅުގަނޑުމެން ބެލިބެލުމުން ސަރވޭ ޓީމުން ސަރވޭ ކޮށްފައި ވަނީ. އެ ރިޕޯޓު ލިބުމުން އަޅުގަނޑުމެންނަށް އޭގެ ތަފްސީލެއް އެނގޭނީ. އެހެން ނަމަވެސް މިހާރު ފެންނަން ހުރި ކަންތައްތަކުން ހަތަރު މިލިއަނާއި ފަސް މިލިއަން އެތަނަށް ހޭދަވާނެ،" އަހުމަދުއްﷲ ޖަމީލު ވިދާޅުވިއެވެ.

ވަގުތީ ގޮތުން އިމާރާތް ހުޅުވިއިރު ހަމައެކަނި ހުރީ އިމާރަތްކުރުމުގައި ގެންގުޅު ފަރުވާކުޑަކަމުގެ މައްސަލަތަކެއް ނޫނެވެ. އެ އިމާރާތަށް މުއައްޒަފުން ނަގާފައި ވަނީ ވެސް އެއްވެސް އިއުލާން ކުރުމެއް ނެތިއެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ މަރުކަޒުގައި ހަތަރު ދިވެހިން ދަނީ މަސައްކަތް ކުރަމުންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އެ މުއައްޒަފުން ނަގާފައި ވަނީ ކިހިނެއް ކަމެއް އަދި އެ މުއައްޒަފުންނަކީ ކޮން ބައެއް ކަމެއް އެ މިނިސްޓްރީއަށް އެނގޭނެ ލިޔުމެއް ފެންނާކަށް ނެތެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އިމާމަކާއި މަސައްކަތު ދެ މީހުންނާ. އަޅުގަނޑަށް ކައުންސިލްގެ ފަރާތުން މައުލޫމާތު ލިބިފައި ވަނީ ހަތަރު މުއައްޒަފުން ނެގިކަމަށް. އެކަމަކު އެ ނެގި ގޮތެއް އެނގީ ކޮންތާކުން ކޮން ބައެއް ކަމެއް ސާފުކޮށް އެނގޭކަށް ނެތް،" އަހުމަދުﷲ ޖަމީލު ވިދާޅުވިއެވެ.

މި މަޝްރޫއުގައި ބޮޑު ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭނެ ކަމަށް ތިނަދޫ ކައުންސިލުން ތުހުމަތު ކުރާއިރު، ތިނަދޫ އިސްލާމީ މަރުކަޒަށް ކުރި ހޭދަ އާއި އެތަނުގެ ހާލަތާ ނުބައްދަލެވެ. އެމްއާރުޑީސީ އުވާލުމުން އަލަށް ކޮންޓްރެކްޓް ހަދައި އެތަން އިމާރާތް ކުރި މީހުން އެރަށުގެ ކައުންސިލަށް ވެސް އަދި އިސްލާމިކް މިނިސްޓްރީއަށް ވެސް ސާފެއް ނުވެއެވެ. މިއީ ވެސް ކޮރަޕްޝަނަށް އިޝާރާތްކުރާކަމުގެ ހެއްކެކެވެ. އެކަން ސަރވޭގެ ރިޕޯޓް އާންމުކުރުމުން ހާމަވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އިސްލާމިކް މިނިސްޓްރީއަށް މިހާރު ޖެހިފައި ވަނީ ނިމިފައި ކަމަށް ބުނާ މަޝްރޫއެއްގެ އަޑި ބަލަންށެވެ. މިނިސްޓްރީގެ މަސައްކަތްތައް ނިމޭ ހިސާބުން އެހެން ބަޔަކު ވެސް މި ކަމުގެ ތެރެއަށް ވަންނަން އެބަޖެހެއެވެ. އެހާ ބޮޑު އަދަދެއްގެ ފައިސާ ހޭދަކޮށްގެން އިމާރާތްކުރި މިސްކިތެއްގެ ހާލަތު އެހާ ގޯސްވެގެން ދިޔަ ސަބަބެއް އެންޓި ކޮޕްރަޕްޝަން ކޮމިޝަނުން ވެސް ބަލަން އެބަޖެހެއެވެ. އެކަމުގައި ޒިންމާވާ ބަޔަކު ހޯދަން އެބަޖެހެއެވެ. ކޮރަޕްޝަނެއް އެކުލެވިގެންވޭތޯ ބަލައި ފިޔަވަޅު އަޅަންޖެހެއެވެ. 
 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް