21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ކެނެޑާގެ މިސްކިތަކަށް ހަމަލާދިނުން

ކެނެޑާގެ މިސްކިތަކަށް ހަމަލާދީ 6 މީހުން މަރާލި މީހާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް!

  • އެލެކްޒެންޑްރޭ ބިސޮނޭ ކިޔާ މީހާ ވަނީ މި ހަ މީހުން މަރާލިކަމަށް އިއުތިރާފްވެފައި
  • މައްސަލައިގެ ހުކުމް އިއްވުމުގައި ބިސޮނޭގެ ނަފްސާނީ ހާލަތަށް ރިއާޔަތްކޮށްފައިވޭ
އަމަން ހަލީމް | soupized

| 9 ފެބުރުވަރީ 2019 | ހޮނިހިރު 08:06 | |

ހަމަލާދިން އެލެކްޒެންޑްރޭ ބިސޮނޭ -- ރޮއިޓަރސް

ކެނެޑާގެ ކިއުބެކް ސިޓީގެ މިސްކިތަކަށް 2017ގައި ހަމަލާދީ، 6 މީހުން މަރާލި މީހާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

އުމުރުން 29 އަހަރުގެ އެލެކްޒެންޑްރޭ ބިސޮނޭ ކިޔާ މީހާ ވަނީ މި ހަ މީހުން މަރާލިކަމަށް އިއުތިރާފްވެފައެވެ.

މީނާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައި ކަމުގައިވީ ނަމަވެސް، އޭނާއަށް 40 އަހަރު ފަހުން ޕެރޯލްއަށް ހުށައެޅުމުގެ ފުރުސަތު އޮންނާނެއެވެ. މައްސަލަ ބެއްލެވި ގާޒީ ފެރެންކޮއާ ހޫޓް ވަނީ ހުރިހާ މައްސަލައެއްގައި ވަކިވަކިން ހުކުމް އިއްވުމުގެ ބަދަލުގައި، އެއް ހުކުމެއް އިއްވާފައެވެ. މައްސަލައިގައި ދައުލަތުގެ ފަރާތުން އެދުނީ ކޮންމެ މަރަކަށް ވަކި ވަކިން އުމުރު ދުވަހުގެ ހުކުމެއް އިއްވާށެވެ. އެގޮތަށް ހުކުމް އިއްވި ނަމަ އޭނާ ޖަލުގައި 150 އަހަރު ހޭދަކުރަން ޖެހޭނެއެވެ.

ހޫޓް ވަނީ މައްސަލައިގެ ހުކުމް އިއްވުމުގައި ބިސޮނޭގެ ނަފްސާނީ ހާލަތަށް ރިއާޔަތްކޮށްފައެވެ. މި ހަމަލާ ދިނުމުގެ ކުރިން ބިސޮނޭ ވަނީ އެތައް ފަހަރަކު އަމިއްލައަށް މަރުވުމުގެ ހިޔާލު ފާޅުކޮށްފައެވެ. އަދި މި ހަމަލާއަކީ ޓެރަރިސްޓު ހަމަލާއެއްގެ ގޮތުގައި ނިންމަން މައްސަލަ ބެއްލެވި ހޫޓް ވަނީ އިންކާރުކޮށްފައެވެ.

ބިސޮނޭ ވަނީ މި ހަމަލާގައި ގެއްލުން ލިބުނު ފަރާތްތަކުން އޭނާއަށް މާފު ކުރަން އެދިފައެވެ. އަދި އޭނާއަކީ ޓެރަރިސްޓެއް ނޫން ކަމަށާއި، އިސްލާމް ދީނާއި ވެސް ދެކޮޅު މީހެއް ނޫންކަމަށް އޭނާ ވަނީ ބުނެފައެވެ.

ކެނެޑާއަށް ގިނަ އަދަދަކަށް މީހުން ހިޖުރަކުރުމުން ދިޔުމާއި ގުޅިގެން އެ ގައުމުގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް އެމެރިކާގެ ރައީސްކަމަށް ޓްރަމްޕް އައި ހިސާބުން ކެނެޑާގެ ކިއުބެކަށް ހިޖުރަކުރާ އެމެރިކާގެ ދޮން ނޫން ނަސްލުގެ މީހުން ވަނީ އިތުރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް