19 މާރޗް 2019 | އަންގާރަ | 09 ފަސްބަދުރުވަ
12 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:19
އަސްރު 15:23
މެންދުރު 12:18
އިރުއަރާ 06:10
ފަތިސް 04:58

ރާއްޖޭގެ ހާލަތު

ރާއްޖޭގެ އުފެއްދުންތެރިކަމުގެ މަންފާ ބިދޭސީންނަށް!!

  • "އިންޑަސްޓްރިއަލް ރިލޭޝަންސް އެކްޓް" ގެ ބިލް ފާސްކޮށް އަމަލުކުރަން ފަށަންޖެހޭ
  • މިނިމަމް ވޭޖެއް ކަނޑައަޅައި ތަންފީޒުކުރެވެންޖެހޭ
ހައްވާ މުހައްމަދު | @hawwimd

| 9 ޖެނުއަރީ 2019 | ބުދަ 11:15 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  5. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  6. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  7. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
  8. ނެދަލޭންޑްގައި ބަޑިން ހަމަލާދީ އެތައް ބަޔަކު ޒަހަމް ކޮށްލައިފި


ރާއްޖޭގައި މަސައްކަތް ކުރަން އުޅޭ ބިދޭސީންތަކެއް -- އާކައިވް

ރާއްޖޭގެ ސިނާޢަތްތަކުގައި ވަޒީފާ އަދާކުރާ ބިދޭސީން ގިނަވެފައި، އަދި ގިނަ ވަމުން އަންނަ ހިނދު ދިވެހިން ވަޒީފާ ނުލިބިފައި ތިބޭ ވާހަކަ މިއީ އަބަދުވެސް އަޑުއިވެމުން އަންނަ ވާހަކައެކެވެ. ބޭންކްތަކާއި ވެސްޓަރން ޔޫނިއަން މަނީޓްރާންސްފަރ އޮފީސް ކައިރިން ބިދޭސީންގެ ދިގު ކިޔޫތައް އޮންނަ އޮތުމަކީ އިގްތިސާދާ މެދު ކުޑަކޮށް ނަމަވެސް ފިކުރުކުރާ ފަރާތްތައް ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ. ރާއްޖޭގެ ވިޔަފާރިތަކުން އުފައްދާ ފާއިސާ ކޮންމެ ދުވަހަކު އެތައް މިލިއަނަކުން އެދަނީ ރާއްޖޭން ބޭރުވަމުންނެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ގިނަވަމުން

 

ޓުއަރިޒަމް ފަދަ ސިނާޢަތެއްގައި ބިދޭސީންގެ ނިސްބަތް ހަނިކޮށްފައި ޤާނޫނުތައް ހުރިކަމުގައި ވީނަމަވެސް މި ގާނޫނާ ހިލާފަށް ނިސްބަތުން ބިދޭސީންގެ ޢަދަދު ގިނަ އިން ގެންގުޅޭ ރިސޯޓުތަކާ މެދު ފިޔަވަޅު އަޅާތަނެއް ނުފެނެއެވެ. އެއް ފެންވަރެއްގައި އެއްމަސައްކަތެއް އަދާކުރާ ދިވެހިންނާއި ބިދޭސީންނަށް ދޭ އުޖޫރަ އާއި ކެއުމާއި ނިދުމުގެ އިންތިޒާމްތަކުގައި ވަޒީފާދޭ ފަރާތުން ގެންގުޅޭ ތަފާތުކުރުންތަކަކީ ގާނޫނު އަސާސީއާ ހިލާފަށް އެތައް އަހަރެއް ވަންދެން، އަދިއަދާ ހަމައަށް ވެސް ކުރަމުން ދާ ކަމެކެވެ.

ވަޒީފާއަށް ކުރިމަތިލާ ދިވެހިންނަށް ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅު ނުޖެއްސޭ އުޖޫރައަށް ބިދޭސީން ހޯދައި ގެންގުޅުމުގެ ފަސޭހަކަން ނައްތާލަން ޖެހެއެވެ. މި ކަމުގެ ހައްލަކީ މިނިމަމްވޭޖް އެއް ކަނޑައަޅައި ތަންފީޒްކުރުމެވެ. މިނިމަމްވޭޖްއަކީ ކުރާ މަސައްކަތަށް ދޭންޖެހޭ އެންމެ ކުޑަ އުޖޫރައެވެ. މި އުޖޫރަ ކަނޑައެޅުމުގައި ވަޒީފާ އަދާކުރާ ސިޓީ ނުވަތަ ރަށުގައި ދިރުއުޅުމަށްޓަކައި އަސާސީ ބޭނުންތަކަށް ހިގާ ހުރިހާ ހަރަދެއް ކުރެވޭނެ މިންވަރެއް ދިރާސާކޮށް ދެނެގަނެ އެއަށް ރިއާޔަތްކުރަންޖެހެއެވެ. މި ކަމުގެ ތެރެއިން ބޮޑު ކުލީގެ ތަކްލީފަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރެވެއެވެ.

މީގެ އިތުރުން ބައެއް ވަޒީފާތަކަށް ބިދޭސީން ގެންގުޅުން މަނާކުރުމަކީ ވެސް ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށް ރައްކާތެރި ކުރުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ. މިސާލަކަށް ޑްރައިވަރުން، ކޭޝިއަރުން، ވެއިޓަރުން، އަދި ހަމައެކަނި އިގިރޭސި ބަހުން މުއާމަލާތް ކުރާ ޖީއާރުއޯ އިން (ގެސްޓް ރިލޭޝަން އޮފިސަރުން) ފަދަ ވަޒީފާތައް ހިމެނެއެވެ. މިހާރު ވެސް ބިދޭސީން ގެންގުޅުން މަނާކުރެވިފައިވާ ވަޒީފާތަކުގައި ބިދޭސީން ގެންގުޅޭ ކަމީ އެފަދަ ފަރާތްތަކާ މެދު އެކަށީގެންވާ މިންވަރަށް ފިޔަވަޅު ނޭޅޭ ކަމުގެ ދަލީލެކެވެ.

ޓެކްސް ފަދަ ބައެއް ގާނޫނުތަކާ ޚިލާފަށް އަމަލުކުރާ ވިޔަފާރިތަކާ މެދު ފިޔަވަޅު އެޅޭ ހިނދު ދިވެހި މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށްދޭ ގާނޫނުތަކާ ޚިލާފުވާ ވިޔަފާރިތަކާ މެދު ފިޔަވަޅު ނޭޅޭ ކަމީ މަސައްކަތްތެރި ޢާންމު ރައްޔިތުންގެ ހައްޤުތަކަށް ކަމާ ބެހޭ އިދާރާތަކަށް ވެވިފައިވާ ބޮޑު އިހުމާލެއް އަދި ބޭއިންސާފެކެވެ.

ވަޒީފާގެ މާހައުލުގައި މަސައްކަތްތެރިންނަށް ވަޒީފާ ދޭ ފަރާތާއި ދިމާވާ މައްސަލަތަކަށް ހައްލު ނުވަތަ އިންސާފު ހޯދުމަށް ދާންޖެހޭ އިދާރާއަކީ ލޭބަރ ރިލޭޝަން އޮތޯރިޓީއެވެ. އަދި ޝަރުއީ މަރްހަލާއަށް ދާނަމަ އެމްޕްލޯއިމަންޓް ޓްރައިބިއުނަލްއެވެ. މަސައްކަތްތެރިޔާގެ ހައްގު ހޯދުމަށްޓަކައި މި ދެ އިދާރާއާ އެކު މަސައްކަތް ކުރަމުންދާ ކޮންމެ ދުވަހަކީ އޭނާގެ ދިރިއުޅުމުގެ ޙާލަތު ހީނަރުވެ، ލިބޭ ގެއްލުން ބޮޑުވަމުންދާ ދުވަހެކެވެ. މިއާ ޚިލާފަށް، މައްސަލަ ނުނިމި ދިގުލަމުންދާ ކޮންމެ ދުވަހަކީ ވެސް ވަޒީފާދޭ ފަރާތަށް އެއްވެސް ގެއްލުމަކާ ނުލައި އިންސާފުން ރެކިގެން ވިޔަފާރިން ފާއިދާ ހޯދުމުގައި ދެމިހުރެވޭ ދުވަސްތަކެކެވެ. ނަތީޖާއެއްގެ ގޮތުން މިފަދަ މައްސަލަތައް ބެލުމަށް އެޅެން އޮތް ކޮންމެ ހުރަހެއް ވެސް އަޅައެވެ. މި ގޮތަށް އިންސާފު ނުލިބި ހައި ހޫނުކަންމަތީ އެތައް ޒަމާނެއް ވަންދެން އުޅުނު މަސައްކަތްތެރިޔާގެ ހައްގުގައި މައްސަލަ ބަލައި ނިމި ކަމާ ބެހޭ އިދާރާއިން ވަޒީފާދޭ ފަރާތަށް އަމުރުކުރިޔަސް އެ އަމުރަށް ވަޒީފާދޭ ފަރާތުން ދެނީ ބީރުކަންފަތެކެއެވެ. މި ފަދަ ހާލަތްތަކުގައި ވެސް ވިޔަފާރިތަކާ މެދު ފިޔަވަޅު އެޅޭ ތަނެއް ނުފެނެއެވެ. ވުމާ އެކު އިންސާފު ގެއްލިފައިވާ މަސައްކަތްތެރިޔާއަށް ހައްގުވާ ބަދަލު ވެސް ނުލިބެއެވެ.

ކޮންމެ ސަރުކާރަކުން ވެސް ކުދި، މެދު އަދި ބޮޑެތި ވިޔަފާރިތަކަށް ލުއި ފަސޭހަތައް ހޯދައިދިނުމަށް ވައުދުވެ މަސައްކަތްކުރާ ހިނދު އެފަދަ ވިޔަފާރިތަކުގައި ދިރިއުޅުމަށް އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުންދާ ނިކަމެތި މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮއްދީ ޝަކުވާތައް އަޑުއަހައި ގޮންޖެހުންތައް ފިލުވައިދޭ ތަނެއް ނުވަތަ އެކަމަށް ވައުދުވާނެ އަޑެއް ވެސް ނީވެއެވެ.

މަސައްކަތްތެރިންނަށް އެ މީހުންގެ ހައްގުތައް ހޯދާ ހިމާޔަތް ކުރުމަށް އޮތް އެންމެ ނަތީޖާ ކުރަނިވި ގޮތަކީ މަސައްކަތްތެރިންގެ ޖަމާއަތްތައް ހަދައި ހަރަކާތްތެރިވުމެވެ. މިގޮތަށް ރާއްޖޭގައި ހަރަކާތްތެރިވާ ޖަމާއަތްތަކުގެ ތެރޭގައި ޓުއަރިޒަމް އެމްޕްލޯއީޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)، ޕައިލެޓްސް އޮފް ދަ މޯލްޑިވްސް، ޓީޗާރޒް އެސޯސިއޭޝަން ފަދަ ޖަމިއްޔާތައް އެކި ދުވަސްވަރު އެކި މިންވަރުން ހަރަކާތްތެރިވާތަން ފެނެއެވެ. ނަމަވެސް މިފަދަ ޖަމިއްޔާ ޖަމާއަތްތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މިފަދަ ޖަމާއަތްތަކަށް ބާރުވެރިކަން ލިއްބައިދޭ ގާނޫނެއް ރާއްޖޭގައި ނެތުމެވެ.

2008ގައި އައި ސަރުކާރުގެ ދައުރުގައި އޭރު އޮތް ލޭބާރ މިނިސްޓްރީގެ އިސްނެގުމާ އެކު އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްއޯ)ގެ އެހީގައި މިފަދަ ޖަމިއްޔާތަކުން ބައިވެރިވެގެން، "އިންޑަސްޓްރިއަލް ރިލޭޝަންސް އެކްޓް" ގެ ނަމުގައި އެކުލަވާލި ބިލެއް، ރައްޔިތުންގެ މަޖިލީހަށް ފޮނުވިތާ ވެސް އަހަރުތަކެއް ވެއްޖެއެވެ. އެހެންނަމަވެސް މި ބިލް މަޖިލީހުގެ ތަޅުމަށް އަދި އަދަށް ވެސް ނާދެެއެވެ. ސަބަބަކީ މި ބިލަށް އަމަލުކުރަން ފަށައިފި ނަމަ މަސައްކަތްތެރިންގެ ހައްގުތަކާއި މަސްލަހަތު ހިމާޔަތްކޮށް ކުރިއަރުވާ މަސައްކަތްތެރިންގެ ޖަމިއްޔާތަކަށް އެކަށީގެންވާ ގާނޫނީ ހައިސިއްޔަތާއި ރައްކާތެރިކަމާއި ބާރު ލިބިގެން ހަރަކާތްތެރި ވެވޭނެއެވެ. ނަމަވެސް މަޖިލީހުގެ ގޮނޑިތަކުގައި ރައްޔިތުން ތަމްސީލްކޮށްދޭ، އިހްލާސްތެރިކަމަށް ދަޢުވާ ކުރައްވާ މަންދޫބުންނަކީ ވިޔަފާރިވެރިންގެ ޕާޓީގެ ޓިކެޓްގައި ނުވަތަ ވިޔަފާރިވެރިންގެ ދައުރާއި އެހީ ފުރިހަމައަށް އެކުލެވިގެންވާ ސިޔާސީ ޕާޓީތަކުގެ ޓިކެޓްގައި ނުވަތަ ވިޔަފާރިވެރިންގެ ދީލަތި އެހީގައި "މިނިވަން" ކެންޑިޑޭޓެއްގެ ގޮތުގައި ކެމްޕޭންކޮށްގެން ގޮނޑި ކާމިޔާބުކުރައްވާފައިވާ އިއްޒަތްތެރި މެމްބަރުން ތިއްބެވި ހާހިނދު، މިފަދަ ބިލެއް ފާސްވެގެން ވުޖޫދަށް އައުމަކީ ޚިޔާލީ ފޮލާއަކަށް ވެދާނެއެވެ.

މި ޙާލަތުގައި ދިވެހިރާއްޖޭގެ އިޤްތިޞާދު ކޮނޑުއަޅައި، މަސައްކަތުގައި އަވަދިނެތި، ދިރިއުޅުމުގެ އަސާސީ ޚަރަދުތައް ކިރިޔާ ދެކޮޅުޖައްސަމުން އަންނަ ހީވާގި ދިވެހި މަސައްކަތްތެރިން ވޭތުކުރާ ކޮންމެ ދުވަހަކީ، މި ދިވެހިރާއްޖޭގެ އިޤްތިޞާދުން އުފައްދާ މަންފާގެ ބޮޑުބައެއް، ބިދޭސީން ލިބިގަންނަމުންދާ ދުވަހެކެވެ. ރާއްޖޭއިން ބޭރުވާ މިފައިސާއަކީ އަލުން އަނބުރާ ހޯދޭނެ އެއްޗެއް ނޫނެވެ. ފޫނެތް ފަޔަކަށް ފެންފުރުމުގެ ލާމަސީލު މިސާލެކެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް