15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

މަގޭ ރިޕޯޓު

ރައީސް ނަޝީދަށް އުތުރި އެރި ހިތާހިތުގެ ގުޅުމުން އަނެއްކާ ވެސް ރެކޯޑެއް!

  • މިހާތަނަކަށް މިހާ ގިނަ ބަޔަކު މަރުހަބާ ދަންނަވާކަށް އެއްވެފައެއް ނުވޭ
  • މަރުހަބާ ދެންނެވުމަށް އައިސްތިބި ބަޔަކަށްޓަކައި މިހާ ގިނަ ވަގުތު ބޭފުޅަކު ހިންގަވާކަށް ޖެހިވަޑައިގަންނަވާފައެއް ނުވޭ
  • ދެއްވި ސްޕީޗުން އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފެންކަޅިކޮށްލެއްވި
އަހުމަދު މުހުސިނު | dhonbandaara

| 1 ނޮވެންބަރު 2018 | ބުރާސްފަތި 17:50 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  8. ސީލައިފްއިން އޮޅުވާލައިގެން ފްލެޓް ވިއްކި 191 މީހެއްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި


ރައީސް ނަޝީދަށް މަރުހަބާ ދަންނަވަން މުޅި މަގު އެއްކޮށް ފުރިފައި -- ފޮޓޯ: މުރުޝިދް އަބްދުލް ހަކީީމް

ރައީސް ނަޝީދު މާލެ ވަޑައިގެންނެވުން ކަވަރކުރުމަށް އަޅުގަނޑަށް ހުންނަން ޖެހުނީ އެއް ނަމްބަރު ފާލަން ސަރަހައްދުގައެވެ. މެންދުރު 2:30 ހާއިރު އެ ސަރަހައްދަށް ދިޔައިރު ވެސް އެ ސަރަހައްދުގައި ރީނދޫ ޓީޝާޓް ލައިގެން ތިބި މީހުން ގިނަ އަދަދަކަށް ތިއްބެވެ. މަޑުކޮށްލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އައީ ރައްޓެއްސެއްގެ ފޯނު ކޯލެކެވެ. އެމްޑީޕީ ހަރުގެ ސަރަހައްދުގައި ހުރި އެ މީހާ އަހާލީ މިހާރު މިހާ ހިސާބަށް ވަޑައިގެންނެވީ ހެއްޔެވެ. އަޅުގަނޑަށް އާދެވުނީ ފާޑެއްގެ ރުޅިއެކެވެ. މަލާމާތެއް ކަމަށް ހީކޮށެވެ. އަދި މާލެ ވެސް ވަޑައިނުގަންނަވާކަން ނޭނގެނީހޭ އެހީމާ އެކޮޅުން ވެސް އައީ ރުޅިއެވެ. ޖަވާބުގައި ދޮގުނުހަދާށޭ މިހާރު މިހިސާބަށް ތިޔަ އައީއޭ ބުނީ ހިތްހަމަ ނުޖެހިގެން ހުރެއެވެ. ވީގޮތް އެނގުނީ އޭނާ ސާފުކޮށްދިނީމައެވެ. އޭރު ވެސް މުޅި މަޖީދީމަގު ފުރިއްޖެ ކަމެވެ. ހަރުގެ ސަރަހައްދާ ހަމައަށް މީހުން ފުރާލާފައިވާ ކަމެވެ.

ރައީސް ނަޝީދު ހިންގަވާފައި ވަޑައިގަންނަވަނީ

އިތުރަށް ރަކި ނުވާން ފޯނު ކަނޑާލާފައި ބަލާލި ވަގުތަކީ ރައީސް ނަޝީދު މާލެ ވަޑައިގަންނަވާ ފްލީޓް ހުޅުލެއިން މާލެއަށް ދަތުރަށް ފެށި ވަގުތެވެ. ބޮޑެތި ކަންނެލި ދޯނިތަކުގައި އެ ދޯނިތައް ވެސް ނުފެންނަވަރަށް ދަމާފައި ވަނީ ރީނދޫ ދިދަ ފަތިތަކެވެ. އެމްޑީޕީގެ ދިދަދަތަކެވެ. ރީނދޫ ފުއްޕާހަންތަކާ އެކު ދޯނިތައް ފެންނަނީ ވަރަށް ޗާލޫކޮށެވެ. ވަށައިގެން ޖެޓްސްކީތަކާއި މޫދު ކުޅިވަރު ކުޅޭ މީހުން އެ މީހުންގެ ހަރަކާތްތަކާ އެކުގައެވެ. އޭރު މާލޭ ކޮޅުގައި އެއް ނަމްބަރު ފާލަން ކައިރި ފުރި ބާރުވެއްޖެއެވެ. ތޮށިގަނޑުމަތީގައި އެއްބަޔަކު ތިބިއިރު ބޮޑުތަކުރުފާނު މަގުގައި ހެދި ސަފުތަކުގެ ތަރުތީބު ގެއްލޭ ވަރަށް މީހުން ތޮއްޖެހިއްޖެއެވެ. އިންތިޒާމް ކުރަން ތިބި މީހުންނަށް ކޮންޓްރޯލް ނުވާވަރަށް މީހުން ގިނަވެ ތަން ތުކިތުކި ލައިފިއެވެ.

ރައީސް ނަޝީދަށް ކަނޑުމަތިން މަރުހަބާ ދަންނަވަނީ

އެމަނިކުފާނު ވަޑައިގެންނެވި ލޯންޗްކޮޅު މާލެއާ ގާތްވި ގާތްވީހެން އެއްވެފައިވާ މީހުންގެ އަޑު ގަދަވާން ފެށިއެވެ. ޖަހާފައިވާ ލަވަޔަށް ވުރެ ރައީސް ނަޝީދަށް ކުރާ ތައުރީފްގެ އަޑު ބާރުވަމުން ދިޔައެވެ. މީހުންގެ އަތްޖެހުމުގެ އަޑުން މުޅި ސަރަހައްދު ގުގުމަމުން ދިޔައެވެ.

ފާލަން ދޮށަށް ލޯންޗް ކައިރި ކުރުމާ އެކު މީހުންނަކަށް ހިމޭނަކުން ނުތިބެވުނެވެ. އެންމެނަށް އެއްފަހަރާ ބާރަށް ހަޅޭލަވަން ފެށުނެވެ. ރައީސް ނަޝީދޭ ގޮވާ އަޑާއި އެމަނިކުފާނަށް އެދި ގޮވަމުންދިޔަ އަޑުންނެވެ. އުތުރި އަރައިގެން މީހުންގެ ސަބަބުން އެމަނިކުފާނާ އެކު ވަޑައިގެންނެވި ބޭފުޅުންނަށް ވެސް ކައިރި ނުވެވޭވަރަށް ރައީސް ނަޝީދު ފެނޭތޯ މީހުން ކުރިއަށް ޖެހެން ފެށިއެވެ. ހޫރަމުންދިޔަ ދިދަތަކުން މުޅި ސަރަހައްދު ފެނުނީ ރީނދޫ ކުލައިންނެވެ. ޕާޓީ ޕޮޕްއަޕް ކުނޑިތަކާ އެކު ހިސާބުގެ ވައިގެތެރެ ވަނީ ޖަރީވެފައެވެ.

ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް އުޅަނދެއް މާލެ އަންނަނީ

ރައީސް ނަޝީދު ހިންގަވާފައި ވަޑައިގަތީ ޗާންދަނީ މަގުން މަޖީދީމަގަށް ވާގޮތަށް ކުރިއަށެވެ. އޭރު ޗާންދަނީ މަގުން ފެށިގެން މަޖީދީމަގުން އައިސް އާޓިފިޝަލް ބީޗާ ހިސާބަށް މީހުން ވަނީ ފެންބެދިފައެވެ. އަންހެނުންނާއި ފިރިހެނުންނެވެ. ޒުވާނުންނާ މެދު އުމުރާއި އުމުރުން ދުވަސްވީ މީހުންނެވެ. ކުޑަކުދިން ވެސް ނަޝީދު ފެނޭތޯ އެ ކުދިންގެ ބެލެނިވެރިންގެ ގޮނޑިގައެވެ. 

ހަވީރު ހަތަރެއް ޖެހިއިރު ރައީސް ނަޝީދު ހިންގަވާފައި ވަޑައިގެންނެވި ގޮތަށް އެމަނިކުފާނަށް އާޓިފިޝަލް ބީޗާ ހަމައަށް ފޯރާވަރުވީ ގާތްގަނޑަކަށް އޭގެ ދޮޅުގަޑިއެއްއެއްހާ އިރު ފަހުންނެވެ. މަގަށް އެއްވެފައިވާ މީހުންގެ މަންޒަރުތައް މަތިން ފެންނަމުން ދިޔައީ ރީނދުލާއި ހުދުގެ ސާލެއް ފަތުރާލާފައި އޮންނަހެންނެވެ. މަގަށް ނުފޭބި ގޭގޭގައި ތިބި މީހުން ވެސް ދިޔައީ ބެލްކަންޏާއި ކުޑަދޮރުދޮށަށް ނިކުމެ އެމަނިކުފާނަށް މަރުހަބާ ކިޔަމުންނެވެ. ދިދަ އާއި ފުއްޕާހަން ހޫރަމުންނެވެ. މަވެސް ހުރީމޭ ބުނެ ހަނާއަޅަމުންނެވެ.

ތެދުތެދަށް ބުނަންޏާ އަނެއްކާ ވެސް މި ފެނުނީކީ އާދައިގެ މަންޒަރެއް ނޫނެވެ. އެތައް ދުވަހަކުންސުރެ ރާއްޖޭގެ އެތައް ބަޔަކު އެދިއެދި ތިބި ވަގުތުކޮޅު އައިސް ޖެހުނުއިރު އެ މީހުންގެ މޫނުމަތިން ވެސް ފެނުނީ އުފާވެރިކަމުގެ ޝުޢޫރުތަކެވެ. ކޮންމެ މީހަކު ވެސް ވަނީ އުފަލުން ފެންކަޅިވެފައެވެ. މިއީ އަނެއްކާ ވެސް ދިވެހިރާއްޖޭގެ ރެކޯޑެކެވެ. އެންމެ ގިނަ ބަޔަކު އެއް ބޭފުޅަކަށް ތާއީދު ކުރައްވާ ރައީސް ނަޝީދު ޤާއިމްކުރެއްވި އިތުރު އާ ރެކޯޑެކެވެ. ރާއްޖޭގެ ތާރީޚުގައި މިހާތަނަށް މީހަކަށް މަރުހަބާ ދަންނަވާކަށް މިވަރަކަށް މީހުން އެއްވެފައެއް ނުވެއެވެ. އެއްކުލައަކުން ޒީނަތްތެރިވެ މިހާ ފުރިހަމަ މަރުހަބާއެއް ދަންނަވާފައެއް ނުވެއެވެ. އަމުދުން މަރުހަބާ ދަންނަވަން އައިސްތިބި މީހުންނަށްޓަކައި މީހަކު، މިހާ ގިނަ ވަގުތު ހިންގަވާކަށް ޖެހިފައެއް ވެސް ނުވެއެވެ.

ރައީސް ނަޝީދު ރައްޔިތުންނާ މުހާތަބުކުރައްވަނީ

މި ފެނުނީ ރައީސް ނަޝީދު އެވިދާޅުވާ މޭރުމުން ނަމަ ހިތާއި ހިތުގެ ގުޅުމެކެވެ. ހަމަ ހިތުން ހިތަށް އުފެދިފައިވާ ގުޅުމެކެވެ. އެގުޅުން އުތުރިއަރައިގަނެ ރައީސް ނަޝީދަށްޓަކައި ހިތުގައި އޮތް ލޯބި ބަންޑުންކޮށްލި އުފާވެރި މަންޒަރެވެ. އެ ލޯތްބާ އެކު ޤާއިމްވެގެންދިޔަ އެ ރެކޯޑް އިތުރަށް ޚާއްޞަވެގެން އެ ދިޔައީ ރައްޔިތުންނަށްޓަކައި ކުރެއްވި މަސައްކަތުގެ ސަބަބުން ޖަލުގެ ކުޑަގޮޅިއަށް ދާންޖެހިވަޑައިގަންނަވާކަމުގެ ހިތާމަވެރި ޚަބަރު މީގެ ދެ އަހަރެއްހާ ކުރިން ދެއްވި ރައީސް ނަޝީދު ރައްޔިތުންނާ މުޚާތަބު ކުރައްވައި އެ ދެއްވި އުފާވެރި ތަޤްރީރުންނެވެ. އެ މަސައްކަތުގައި އެމަނިކުފާނަށް އެހީތެރިވެދެއްވި އަނބިކަނބަލުން ލައިލާ އާއި ދެ ދަރިކަންބަލުންނާއި އާއިލާގެ ބޭފުޅުންގެ އިތުރުން ގުޅިފައިވާ އިއްތިހާދު ހަތަރު ލީޑަރުން ކުރެއްވި ބުރަ މަސައްކަތައް ކުރެއްވި ތައުރީފުންނެވެ. ކުޑައިރުގެ ރައްޓެހިކަމުގައި އުޅުއްވަމުން މިއަދާހަމައަށް ވަޑައިގަންނަވާ، ނިމިދިޔަ އިންތިޚާބުގައި އިއްތިހާދުގެ ކެންޑިޑޭޓުގެ ގޮތުގައި އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހީމް މުހައްމަދު ސޯލިހް ފެންކަޅި ކޮށްލެއްވި އުފާވެރިކަމާއި ޝުކުރުގެ ބަސްތަކުންނެވެ.

ޖޯޝާއި ފޯރީގައި ރައީސް ނަޝީދު މިއަދު ވެސް ދެއްކެވީ ރައްޔިތުންގެ ހައްގުގެ ވާހަކަތަކެވެ. ފާއިތުވި އަހަރުތަކުގައި ގެއްލިގެން ދިޔަ އެމަނިކުފާނުގެ ހައްގުތަކުގެ ވާހަކަތަކުގެ ބަދަލުގައި ދެއްކެވީ، އެމަނިކުފާނުގެ ބަހުރުވައިން ނަމަ ރައްޔިތު މީހާގެ ހައްގުގެ ވާހަކައެވެ. ރައްޔިތު މީހާގެ ގެއްލިފައިވާ އަސާސީ ހައްގުތަކުގެ ވާހަކައެވެ. ބޯހިޔާ ވަހިކަމުގެ ހައްގުގެ ވާހަކައެކެވެ. ފްލެޓް ދޮންބެގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމުގެ ވާހަކައެވެ. އެމަނިކުފާނުގެ ކޮންމެ ޖުމްލައަކާ އެކު މުޅި ތަން ގުގުމާލައިގެން ދިޔުމުން ދައްކުވައިދިނީ އަދިވެސް އެމަނިކުފާނަކީ ދިވެހިންގެ ހިތްތަކުގެ ރަސްގެފާނު ކަމެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް