19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ޕީޕީއެމް

މައުމޫނާ އެކު އުހަށް އެރި ޕީޕީއެމް، ޔާމީނާ އެކު ފުލަށް!

  • މައުމޫންގެ ލީޑާޝިޕްގައި ތިން އިންތިހާބު ކާމިޔާބު ހޯދި
  • ޔާމީނަށްފަހު، ދެ އިންތިހާބު ވެސް ޕީޕީއެމް ފެއިލް
  • ޕީޕީއެމަށް މިއަދު ވަނީ ހަތް އަހަރު ފުރިފައި
ޙުސައިން ޙަސަން | hucenhassan

| 27 އޮކްޓޯބަރ 2018 | ހޮނިހިރު 18:23 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  5. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ރައީސް މައުމޫނާއި ރައީސް ޔާމީން: ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވީ ދެ ބޭފުޅުން ހިޔާލުތަފާތުވެ، ޕާޓީ ދެބައިވުމުން -- ގޫގުލް

ޕީޕީއެމް އުފަންވުމުގެ ކުރިން، ރާއްޖޭގެ ސިޔާސީ އުދަރެހުގައި އެންމެ ގަދަޔަށް ދަޅަ އަޅަމުން ދިޔައީ ނުލާއި ރީނދުލުގެ ކުލައެވެ. އެއީ ޑީއާރްޕީ އާއި އެމްޑީޕީގެ ވާދަވެރިކަމުގެ ދުވަސްވަރުގައެވެ. ނަމަވެސް ނުލާއި ރީނދުލުގެ މެދުން 2011 ވަނަ އަހަރު ފާޅުވެގެން ދިޔައީ ގަދަ ފިޔާތޮށި ކުލައެވެ. ޑީއާރްޕީ އުމުރުން ހަ އަހަރުގައި އެ ޕާޓީގައި ރެނދުލައި، އެ ޕާޓީގެ މައްޗަށް ގަދަވެގަތީ ޕީޕީއެމެވެ. އެއަށްފަހު އިދިކޮޅު މައި ޕާޓީގެ ރޯލު އަދާކުރަން ފެށީ ޕީޕީއެމުންނެވެ. ޑީއާރްޕީގެ އާންމު މެމްބަރުން ބައިވެރިވުމާ އެކު، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ޕީޕީއެމް ރަޖިސްޓްރީ ކުރީ މީގެ ހަތް އަހަރު ކުރިން، 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އެ ދުވަހަކީ ޑީއާރްޕީގެ މައްޗަށް ގަދަ ފިޔާތޮށި ގަދަވެ ގަތް ދުވަހެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ލީޑާޝިޕްގައި އެ ޕާޓީ ކުރު މުއްދަތެއްގައި ކާމިޔާބީތަކެއް ހޯދިއެވެ. ޑީއާރޕީ ބައިބައިވެފައި ވަނިކޮށް، 2011 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިހާބު ވެސް ކާމިޔާބު ކުރިއެވެ. ޑީއާރްޕީގެ މަޖިލިސް މެމްބަރުންނާއި ކައުންސިލްތަކުގެ ގޮނޑިތަކަށް އިންތިހާބުވެފައި ތިއްބެވި ބޭފުޅުން ޕީޕީއެމް ކޮޅަށް އެނބުރުނެވެ. އެމްޑީޕީ ވެރިކަމުގައި އޭރު ބޭއްވި ބައި އިލެކްޝަންތައް ވެސް ކާމިޔާބު ކުރީ ޕީޕީއެމުންނެވެ. ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުން ހުސްވި، ތިމަރަފުށީ ދާއިރާގެ ގޮނޑި އާއި އުނގޫފާރު ދާއިރާގެ ގޮނޑި ވެސް ކާމިޔާބު ކުރީ ޕީޕީއެމުންނެވެ. ޕާޓީ އުފެއްދިތާ ދެ އަހަރު ނުވަނީސް ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކުރިއެވެ. އެއަށްފަހު ބޭއްވި މަޖިލީހުގެ އިންތިހާބުގައި އެންމެ ގިނަ ގޮނޑިތައް ވެސް ނެގީ އެ ޕާޓީންނެވެ. އަދި އެއަށްފަހު މަޖިލީހުގެ ސާފު އަގުލަބިއްޔަތުން ވެސްހޯދިއެވެ.

ޕީޕީއެމަކީ ރާއްޖޭގައި ކުރު މުއްދަތެއްގައި އެންމެ ބޮޑު ކާމިޔާބީ ހޯދި ޕާޓީ އޭ ބުނެވިދާނެއެވެ. ސަބަބަކީ އެ ޕާޓީ އުފެއްދި ފަހުން ބޭއްވި އާންމު ތިން އިންތިހާބު ވެސް އެ ޕާޓީން ކާމިޔާބު ކުރުމުންނެވެ. 

އެކަމަކު އެއީ މާޒީއެވެ. އެ ކާމިޔާބީ އެ ޕާޓީއަށް ހޯދުނީ ރައީސް މައުމޫން އެ ޕާޓީގެ ރައީސްކަމުގެ މަގާމުގައި ހުންނެވިއިރުއެވެ. އެ ޕާޓީން އެމަނިކުފާނު ފެއަށް ޖެއްސި ފަހުން، އިންތިހާބަކުން ޕީޕީއެމަށް ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.

ކޯޓު މެދުވެރިކޮށް، ރައީސް އަބްދުﷲ ޔާމީން އެ ޕާޓީއާ ހަވާލުވެވަޑައިގެންނެވި ފަހުން ބޭއްވި ދެ އިންތިހާބު ވެސް އެ ޕާޓީއަށް ކުރިމަތިވެވަޑައިގެންނެވީ ނާކާމިޔާބީއާއެވެ. ކައުންސިލް އިންތިހާބުގައި ވެސް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. ކެންޑިޑޭޓުންގެ ފޮޓޯއަށް ވުރެ، ފާތުމަތު އިބްރާހިމާއި ރައީސް ޔާމީންގެ ފޮޓޯ ބޮޑުކޮށް ދެއްކުމުން ލިބުނު ތާއިދަށް ވުރެ، ގެއްލުނު ވޯޓު ގިނައެވެ. ބައެއް ދާއިރާތަކަށް ޕީޕީއެމްގެ ޓިކެޓުގައި ކުރިމަތިލާނެ ކެންޑިޑޭޓުން ނުވުމުން، ހައްދު ކަނޑައަޅާފައިވާ ކުށް ކުރި މީހުންނަށް ވާދަކުރެވޭ ގޮތް މަޖިލީހުން ހެދުމުން އިތުރަށް ޕީޕީއެމް ބޭޒާރުވީއެވެ. ބޮޑު ފަރަގަކުން ޕީޕީއެމް ބަލިކޮށް، ރާއްޖޭގެ ބޮޑެތި އާބާދީތަކުގެ މެޖޯރިޓީ ނަގައި، އެންމެ ގިނަ ކައުންސިލްތަކުގެ ކޮންޓްރޯލް ނެގީ އެމްޑީޕީންނެވެ. އެއީ ކައުންސިލް އިންތިހާބުގެ ވާހަކައެވެ.

ކައުންސިލް އިންތިހާބުގެ ހިތި ރަހަ، އަރު ތެރެއިން ނުފިލައި އުޅެނިކޮށް، ރިޔާސީ އިންތިހާބުން ވެސް ޕީޕީއެމް ބަލިވީއެވެ. ބޮޑު ފަރަގަކުންނެވެ. އަމިއްލައަށް ބޭއްވި އިންތިހާބުން އަމިއްލައަށް ލަދެއްގައި ބެދި، އެ ތިބީ އިސް އުފުލަން ނުކެރިފައެވެ. އިންތިހާބު ބޭއްވިތާ މަހަކަށް ވުރެ ގިނަ ދުވަސް ވެގެންދިޔައިރު ވެސް ނޫސްވެރިންގެ ކުރިމައްޗަށް ނުކުމެވަޑައިގަންނަވަން ރައީސް ޔާމީނަކަށް ކެރިވަޑައިނުގެންނެވިއެވެ.

އިންތިހާބުގެ ނާކާމިޔާބީއާ އެކު އެމަނިކުފާނުގެ ރިޔާސަތުގައި ޕީޕީއެމް އެ ދަނީ ފަނޑުވަމުންނެވެ. އެކުގައި ތިބި މިތުރުން ގެއްލި ދިޔަ ގޮތަށް، ޒަމާންވީ އެކުވެރިޔާ ސަން ސިޔާމް ވެސް އެމަނިކުފާނު ދޫކޮށްފައި ވަޑައިގެންނެވީއެވެ. މުށުތެރެއަށް ލައި، ހިރިނުލެވޭހާ ވަރުވެފައި އޮތް ރައްޔިތުންގެ މަޖިލިސް ވެސް ހިނގައިގަތީއެވެ. އަރިހުގައި ތިއްބެވި މެމްބަރުން ވެސް ކެހި ދިނީއެވެ.

ޒަމާންވީ ވާދަވެރިޔާ ރައީސް ނަޝީދު އެމަނިކުފާނާ އަރާ ހަމަކުރާ ދުވަސް ވެސް ކައިރިވާ ވަރަކަށް، ރައީސް ޔާމީންގެ އަޑު އެ ދަނީ މަޑުވަމުންނެވެ. އެމަނިކުފާނުގެ އަޑު މަޑުވެ، ޕާޓީގެ އަޑު ވެސް ކެނޑިއްޖެއެވެ. އަޑު އުފުލުންތައް ވެސް ހުއްޓިއްޖެއެވެ. އަބްދުއްރަހީމް ޖައްސަވާ ހިސާބުތަކާ ހުރެ، ނުކުންނަން ތިބި މީހުން ވެސް ގަންނަނީ ލަދެވެ. ދުވަސް ނުނިމުއިރު ވެސް ޕީޕީއެމަށް ހަތް އަހަރު ފުރުމުގެ މުނާސަބާ ފާހަގަކޮށްލާކަށް ވެސް ނުކެރުނެވެ.

ކުރު މުއްދަތެއްގައި އުހަށް އެރި ޕާޓީ ރައީސް ޔާމީނާ އެކު މަންޒަރުން އެ ދަނީ ގެއްލިގެންނެވެ. އިންތިހާބުތަކުން އެ ޕާޓީ އެ ވަނީ ފުލަށް ވެއްޓިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް